އަހުމަދު މަހްލޫފު

މަހުލޫފުގެ ދެވަނަ މައްސަލާގައި ދިފާއީ ހެކިންގެ ހެކި ބަސް ނުނަގަން ނިންމައިފި

ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ދައުވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ސާބިތު ކުރަން ހުށަހެޅި ދިފާއީ ހެކިންގެ ހެކި ބަސް ނުނަގަން ޝަރީއަތުން ނިންމައިފި އެވެ. މަހުލޫފްގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅީ ހަތަރު މީހެއްގެ ނަމެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައިވާ މި ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ މާޗް މަހު ބަޔަކު ކުރި މުޒާހަރާއެއްގައި ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅީގައި ބެރިކޭޓް ޖަހާފައިވަނިކޮށް، އެ ބެރިކޭޑްތައް ކޮށްޕައި އެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ.

މިއަދު ބޭއްވި މި މައްސަލާގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މަހުލޫފް ހުށަހެޅި ދިފާއީ ހެކިންގެ ހެކި ބަސް ނަގަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަސް ނަފީކުރެވޭވަރުގެ ހެއްކެއް މަހުލޫފް ހުށަހަޅާފައިނުވާކަން، އެ ހެކިން ހުށަހަޅަން ބޭނުންވާ ސަބަބުން އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ މި ނިންމުމާ ގުޅިގެން މަހުލޫފުގެ ވަކީލް ނާޒިމް އަބުދުލް ސައްތާރު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ނާޒިމް ވިދާޅުވީ، ދައުވާއިން ދިފާއުވުމަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ލިބޭ އެންމެ އަސާސީ ހައްގަކަށްވާއިރު މަހުލޫފުގެ މަސްލަހަތަށްޓަކައި ދިފާއީ ހެކިން ހާޒިރުކުރުން ލާޒިމްވާ ކަމަށެވެ. .

މިކަމަށް ގާޒީ ވިދާޅުވީ، ދައުވާ ސާބިތުކުރުމަކީ ދައުލަތުގެ ކަމެއް ކަމަށާއި ދައުލަތުން ހުށަހެޅި ތިން ހެކިންގެ ވެސް ހެކި ބަސް ނަގާ ނިންމާފައިވާ ކަމަށެވެ. އެއީ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިންތަކެއް ކަމަށާއި އެ ހެކިންގެ ހެކިބަހުން ދައުވާ ސާބިތުނުވެއްޖެނަމަ އެ ހިސާބުން މައްސަލަ ނިމުނީ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، އެހެން ކަމަށްވާނަމަ ދިފާއުގެ ބޭނުމެއް ނެތް ކަމަށެވެ. ދައުލަތަށް ދައުވާ ސާބިތުކުރުމަށް ފުރުސަތުތައް ލިބޭ ފަދައިން ދައުވާ ދިފާއުވުމަށް ވެސް ފުރުސަތު ލިބެންޖެހޭނެ ކަން ލޯޔަރު ފާހަގަ ކުރެއްވި އެވެ. މައްސަލަ ބައްލަވަން ޖެހޭނީ އަދުލުވެރިކަމާއެކު ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މި މައްސަލަ ކުރިއަށް ދަނީ އިންސާފުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިމްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ގާޒީ، ވިދާޅުވީ މައްސަލައެއް ކުރިއަށްދާއިރު އެ މައްސަލައެއް އިންސާފުވެރި ނޫން ކަމަށް ބުނުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ. އަދި މައްސަލަ ނިންމާ ގޮތާމެދު ހިންހަމަނުޖެހޭނަމަ އިސްތިއުނާފަށް ދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ދިފާއީ ހެކިން ހާޒިރުކުރުމަށް ދައުލަތުން ވެސް އުޒުރުވެރިވެފައިވާ ކަމަށެވެ. އެއީ، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަސް ނެގި، އެކަން ފުރިހަމައަށް ހިނގާފައިވާތީ ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ނާޒިމް ވިދާޅުވީ، "ހެކިން ވެސް ފުރިހަމަ، ކުށް ވެސް ފުރިހަމަ އެހެންވެއްޖެނަމަ ދިފާއިގެ ބޭނުމެއް ނެތްތާ،" ކަމަށެވެ. ދެ ފަރާތުން ވެސް ހެކި ހުށަހަޅާފައިވާއިރު ދެ ފަރާތަށް ވެސް ފުރުސަތު ދޭންވާނެ ކަން ފާހަގަ ކުރެއްވި އެވެ، ނަމަވެސް ގާޒީ އެ ފުރުސަތު ނުދެއްވާ ވިދާޅުވީ، ހުލާސާ ބަޔާން ހުށަހެޅުމަށެވެ.

ގާޒީ ހުލާސާ ބަޔާން އިއްވަން ފުރުސަތު ދިނުމުން ދައުލަތުން ބުނީ، އެކަމަށް ތައްޔާރުވުމަށް ވަގުތުކޮޅެއް ބޭނުންވާ ކަމަށާއި މިއަދުގެ ފަހުގެ ވަގުތެއް ދެއްވުމަށެވެ. ނަމަވެސް ޝަރީއަތުން ނިންމީ ހުލާސާ ބަޔާން އިއްވުމަށް މާދަމާ 1:00 އަށް އަޑުއެހުމެއް ބޭއްވުމަށެވެ. މަހުލޫފުގެ މި މައްސަލާގެ އަޑުއެހުންތައް މާދަމާ ނިންމާލާ އިރު މަހުލޫފު ފުލުހުންނަށް ފިލަން އުޅުނު ކަމަށް ބުނެ އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން މިއަދު އޮންނާނެ އެވެ. ހުކުމް އިއްވުން އޮތީ ސިއްރު އަޑުއެހުމެއްގައި މިއަދު އެކެއް ޖަހާއިރު އެވެ