އަހުމަދު މަހްލޫފު

މަހުލޫފު ހަތަރު މަހަށް ޖަލަށްލާން ހުކުމްކޮށްފި

  • ހުކުމާ ގުޅިގެން މަހުލޫފުގެ ގޮޑި ނުގެއްލޭނެ
  • ޖަލްސާތަކަށް މަހުލޫފު ހާޒިރުކޮށްދޭން ޖެހޭނެ
  • އިތުރު ޝަރީއަތެއް ވެސް އޭނާގެ މައްޗަށް ކުރިއަށްދޭ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. މި ހުކުމް މަހުލޫފުގެ މައްޗަށް އިއްވާފައިވަނީ، އޭނާގެ މައްޗަށް އުފުލި ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ދައުވާ ސާބިތުވާ ގުޅިގެންނެވެ.

މި ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މަހްލޫފް ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމަށް ފަހު ކޯޓުން ނެރެގެން ގެންދިޔަ ވަގުތު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން މަސައްކަތްކުރި ކަމަށެވެ.

މަހުލޫފުގެ މައްޗަށް ހުކުމް އިއްވާފައިވަނީ ސިއްރު އަޑުއެހުމެއްގައިކަމުން ހުކުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މަހުލޫފަށް މި ހުކުމް ކުރި ނަމަވެސް އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމަކަށް ނުވާތީ އޭނާގެ ގޮޑި ނުގެއްލޭނެ އެވެ. އަދި ކަރެކްޝަންސްގެ ބެލުމުގެ ދަށުން މަޖިލީހުގެ ޖަލްސާތަކަށް ވެސް އޭނާ ހާޒިރުކުރުވަން ޖެހޭނެ އެވެ. އެހެން ނަމަވެސް މަޖިލީހުގެ ކޮމިޓީތަކުގައި އޭނާއަށް ބައިވެރިއެއް ނުވެވޭނެ އެވެ.

މައްސަލަ ކުރިއަށްދިޔައިރު މަހުލޫފުގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވެފައިވަނީ، މަހުލޫފު ކޯޓުން ނެރުނު ވަގުތު އެތަނަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އާއިލާ މީހުން އެއްވެ ތިބުމުން އެމީހުންނަށް "ހައި" ޖަހާލުމަށް މަހުލޫފު މަޑުކޮށްލި ކަމަށާއި އެތަނުގައި އަނބިކަބަލުން ހުރުމުން ގައިގާ ބައްދަލާން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ފުލުހުން ހުރަސް އެޅުމުން މަހުލޫފު ގަދަދެއްކި ކަމަށާއި ނަމަވެސް މަހުލޫފު ފުލުހުންނަށް ފިލަން ނުޅޭ ކަމަށެވެ.

އެހެން ނަމަވެސް މަހުލޫފާ ދެކޮޅަށް ހެކި ބަސް ދިން ފުލުހުން ބުނެފައި ވަނީ ފުލުހުންގެ ވެހިކަލަށް އެރުމަށް މަހުލޫފު ދެކޮޅު ހަދައި، ފުލުހުންގެ ވެހިކަލާ ދުރަށް ހިލާލީގެއާ ދިމާލަށް ދުއްވައިގަތް ކަމަށެވެ. މަހުލޫފުގެ ދިފާއުގައި ކްރިމިނަލް ކޯޓުގައި ހެކި ބަސް ދިން ދެ ނޫސްވެރިން ބުނެފައި ވަނީ، މަހުލޫފު ފިލަން ނުދުވާ ކަމަށާއި ނަމަވެސް މަހުލޫފު އަންހެނުންނާ ކައިރިއަށް ސަލާމް ކޮށްލަން ދިޔަ މަންޒަރު ފެނުނު ކަމަށެވެ.

ފުލުހުން ބަންދުކޮށްފައި އޮތް ސަރަހަދެއްގެ ތެރެއަށް ބެރިގޭޓް ފަޅާލައި ވަންނަން އުޅުނު މައްސަލައެއްގައި ވެސް ފުލުހުންނަށް ދަތިކުރުމުގެ ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވެ އެވެ. އެ ދައުވާގެ މައިގަނޑު އަޑުއެހުންތައް ނިމި، ދެން އޮތީ، ހުލާސާ ބަޔާން އިއްވުމެވެ.