އަހުމަދު މަހްލޫފު

މަހުލޫފުގެ ދެވަނަ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި އެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ވަރަށް އަވަހަށް މައްސަލާގައި ހުކުމް އިއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައިވާ މި ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ މާޗް މަހު ބަޔަކު ކުރި މުޒާހަރާއެއްގައި ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ބެރިކޭޓް ޖަހާފައިވަނިކޮށް، އެ ބެރިކޭޑްތައް ކޮށްޕާ، އެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ.

މިއަދު ދެ ފަރާތުން ވެސް ހުލާސާ ބަޔާން ވަނީ އިއްވާފަ އެވެ. ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ތިން ފުލުހުންގެ ހެކި ބަހުން ފުލުހުންގެ އަމުރަށް މަހުލޫފު ނުކިޔަމަންތެރިވެފައިވާކަން އެނގޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ބެރިކޭޑްގެ އެތެރެއަށް މަހުލޫފު ވަދެފައިވާކަން ވެސް އެނގޭ ކަމަށް ވިދާޅުވެފަ އެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަސް ނަފީކުރެވޭވަރުގެ ހެކި ބަހެއް ދެވޭނެ ހެކިވެރިއެއް މަހުލޫފުގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް ވިދާޅުވެ މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ހެކިންގެ ހެކި ބަސް ނުނަގަން ނިންމާފަ އެވެ. މަހުލޫފުގެ ވަކީލް ނާޒިމް އަބްދުލް ސައްތާރު ވިދާޅުވީ، މަހުލޫފު ބެރިކޭޑް ތެރެއަށް ވަތް ކަމަށް ބުނީ އެންމެ ފުލުހެއް ކަމަށެވެ. ދެން ހެކިބަސް ދިން ފުލުހުންނަށް މަހުލޫފު ހައްޔަރުކުރެވުނީ ކޮން ތަނަކުންކަން ނޭނގޭ ކަމަށެވެ. ނާޒިމް ވިދާޅުވީ، އެންމެ ހެކިވެރިއެއްގެ ބަހަށް ބަލާފައި ހުކުމްކުރުމަކީ އިންސާފު ކަމަށް ނުވާނެ ކަމަށެވެ.

މި މައްސަލާގެ އަޑުއެހުމުގައި ހެކި ބަސް ދީފައިވަނީ، އެސްއޯ ފުލުހެއް ކަމަށްވާ އަލީ އަހުމަދާއި މުހައްމަދު ފާރިޝް އާއި މުހައްމަދު ޝުއާޒެވެ. ހެކި ބަސް ދެމުން އަލީ އަހުމަދު ބުނީ، އެ ރޭ މަހުލޫފް ހައްޔަރުކުރީ ވަޅޯމަސް މާރުކޭޓު ސަރަހައްދުން ކަމަށާއި، އެއީ ފުލުހުން ބަންދުކޮށްފަައި އޮތް ހިސާބެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގޭ ކަމަށެވެ. އަދި ހައްޔަރު ކުރިއިރު މަހުލޫފް ހުރީ ބެރިކޭޑް އެތެރޭގައި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގޭ ކަމަށެވެ. މުހައްމަދު ފާރިޝް ވެސް ބުނީ، މަހުލޫފް ހައްޔަރުކުރިއިރު އޭނާ ހުރީ ބެރިކޭށް އެތެރޭގައި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގޭ ކަމަށެވެ.

ދެން ހެކި ބަސް ދިން މުހައްމަދު ޝުއާޒު ބުނީ، އެ ރޭ މަހުލޫފް ބެރިކޭޑް ފަޅާލައި ބަންދުކޮށްފައިވާ ސަރަހައްދަށް ވަން ކަމަށާއި އެކަން ނުކުރުމަށް ނަސޭހަތް ވެސް ދިން ކަމަށެވެ. އެހެން ނަމަވެސް އޭނާ ހައްޔަރުކުރިއިރު ހުރީ ބެރިކޭޑް ބޭރުގައި ކަމަށް ޝުއާޒު ބުންޏެވެ.

މި މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު ފުލުހުންނަށް ފިލަން އުޅުނު ކަމަށް ބުނެ މަހުލޫފުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ އިއްޔެ ވަނީ އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.