ޕީޕީއެމް

ކައުންސިލް ބައްދަލުވުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ

ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް، މިރޭ ބާއްވަން ޝެޑިއުލްކޮށްފައިވާއިރު، އެ ބައްދަލުވުމުގައި ޕާޓީގެ މުސްތަޝާރުގެ ހައިސިއްޔަތުން ރައީސް އަބްދުﷲ ޔާމީން ބައިވެރިވެޑައިގަންނަވަން ނިންމަވައިފި އެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދުން ފަހުން ބާއްވާ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މި ބައްދަލުވުމުގައި ރައީސް ބައިވެރިވަޑައިގަންނަވަން ނިންމެއިރު މީގެކުރިން ރައީސް ވަނީ އެ ޕާޓީ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލުވާނީ މަޝްވަރާކޮށްގެން ކަމަށް ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ސެކްރެޓޭރިއަޓުން ޕީޕީއެމްގެ ކައުންސިލް މެންބަރުންނަށް ފޮނުވި ޖަލްސާގެ ދައުވަތައި ބުނެފައި ވަނީ، "ޕީޕީއެމްގެ ކުއްލި ކައުންސިލް ބައްދަލުވުމެއް މިރޭ ޕާޓީގެ އޮފީހުގައި 9:00" ގައި އޮންނާނެ ކަމަށެވެ. އަދި ހާޒިރުވެވޭ ނަމަ މިއަދު ހަވީރު 5:00 ކުރިން ސެކްރެޓޭރިއަޓް އަށް އެންގުމަށް ވެސް މެސެޖްގައި ވަނީ އެދިފަ އެވެ.

ޕާޓީގެ ތެރޭގައި ދެ ބަސްވުންތައް އުފެދިފައިވާ މި ދަނޑިވަޅުގައި ކައުންސިލް ބައްދަލުވުމެއް ބާއްވައި ދިނުމަށް ޕާޓީގެ ރައީސް މައުމޫންގެ ކިބައިން މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވަނީ އެދިފަ އެވެ. އެ ދެ ބަސްވުންތަކާ ގުޅޭ ގޮތުން މިރޭ ކައުންސިލްގައި މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ.

އެ މައްސަލަގަނޑުގެ ތެރެއިން މައުމޫން ވަނީ ޕާޓީގެ ކޮމިޓީތައް ސަސްޕެންޑްކޮށް ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް އެމަނިކުފާނު ނަންގަވައި، ޕާޓީ އިސްލާހު ކުރުމަށް މަޝްވަރާ މަޖިލީހެއް އުފައްދަވައިފަ އެވެ. އެހެން ނަމަވެސް މައުމޫން މިހާރު ވަނީ ކޮމިޓީތައް ބާއްވަން ހުއްދަ ދީފަ އެވެ.