ހަބަރު

ހިޔާލު ތަފާތުވުން ބޮޑުވެ، ކައުންސިލް ބައްދަލުވުން ހުއްޓާލައިފި

Jul 19, 2016
6
  • ބައްދަލުވުން ހޫނުވީ ފާރިޝް އާއި ނާދިރާ ތިބުމުން
  • މައުމޫން ވިދާޅުވަނީ ކައުންސިލް ސައްހަ ކަމަށް
  • ކައުންސިލް ހުއްޓާލީ ގިނަ މެންބަރުން ޖަލްސާ ދޫކުރުމުން

ޕީޕީއެމް އިން މިރޭ ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުގައި ހިޔާލު ތަފާތުވުންތައް ބޮޑުވެ، ކައުންސިލްގެ ގިނަ މެންބަރުން ޖަލްސާ ދޫކޮށް ވަޑައިގަތުމުން ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހިއްޖެ އެވެ. ބައްދަލުވުން ހުއްޓާލީ، ބައްދަލުވުން ފެށިތާ މާގިނައިރުތަކެއް ނުވެ އެވެ.

ކައުންސިލްގައި މިރޭ 30 ބޭފުޅަކު ބައިވެރިވީ އިރު 21 މެންބަރަކު ޖަލްސާ ދޫކޮށް ނުކުންނެވި އެވެ.

އެބޭފުޅުން ޖަލްސާ އިން ވޯކްއައުޓް ކުރުމާ އެކު، ރައީސް މައުމޫން ޕާޓީ އޮފީހުގައި ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ ކައުންސިލްގެ ބައެއް މެންބަރުން ޖަލްސާ ދޫކުރައްވާ ނުކުންނެވީ، ޕާޓީ އިން ވަކިކޮށްފައި ތިބި ބައެއް މެންބަރުން ކައުންސިލްގައި ތިބި ކަމަށް ބުނެ އެކަމުގައި ހިތްހަމަ ނުޖެހިގެން ކަމަށެވެ. އެހެން ނަމަވެސް މައުމޫން ވިދާޅުވީ އެ ޕާޓީ އިން ވަކި ކުރި މެންބަރަކު ކައުންސިލްގައި ނެތް ކަމަށާއި ކައުންސިލް ދިޔައީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ރައީސް ޔާމީންއަށް ތާއީދު ކުރާ ބޭފުޅުން ކައުންސިލުން ނިކުންނެވުމުން ކައުންސިލްގެ ކޯރަމް ގެއްލުނެވެ. މައުމޫން ވިދާޅުވީ ކައުންސިލް ހުއްޓާލަން ޖެހުނީ، ކޯރަމް ގެއްލިގެން ކަމަށެވެ. ކައުންސިލްގައި 33 މެންބަރުން ތިއްބަވާ އިރު، ހަ މެންބަރަކު ފިޔަވާ ދެން ތިއްބަވަނީ ރައީސް ޔާމީން އަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ.

ކައުންސިލްގެ މެންބަރުންގެ ތެރެއިން ބައްދަލުވުމުން ނިކުންނެވި ބޭފުޅަކު ވިދާޅުވީ، ސުލޫކީ މައްސަލައިގައި ޕާޓީ އިން ވަކިކޮށްފައިވާ ދެ މެންބަރަކު ތިއްބެވުމުން އެއީ ގަވާއިދާ އެއްގޮތަށް ބޭއްވޭ ކައުންސިލް ބައްދަލުވުމެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި މައުމޫން ވެސް ޕާޓީގެ ނިންމުންތަކަށް ބޯލަބަން ޖެހޭނެ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން އާއި އައިމިނަތު ނާދިރާ ޕާޓީގެ ސުލޫކީ ކޮމިޓީ އިން ވަކި ކުރީ އުސޫލުތަކާ އެއްގޮތަށް ސައްހަ ބައްދަލުވުމަކުން ކަމަށް ވެސް އެބޭފުޅާ ވިދާޅުވި އެވެ.

"އެހެން ވީމާ އެބޭފުޅުންނަކަށް ނުތިބެވޭނެ ބައްދަލުވުމެއްގައި. އެ ހިސާބުން ބައްދަލުވުން ސައްހައެއް ނުވާނެ،" ކައުންސިލް މެންބަރަކު ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ޕާޓީގެ ބައެއް މެންބަރުން އެމަނިކުފާނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ނުވެސް އެނގި ކަމަށާއި ޕާޓީގެ ހިސޯރު ކުރި ކަމަށް ބުނެ ޕީޕީއެމް ޕީޖީގެ ބައެއް މެންބަރުން މީޑިއާގައި ވާހަކަ ދެއްކެވުމުން އެކަމާ ހިތާމަ ކުރާ ވާހަކަ ދެންނެވި ކަމަށެވެ. އަދި ސުލޫކީ ކޮމިޓީ އިން ދެ މެންބަރަކު ވަކި ކުރީ ހަ މެންބަރުންގެ ތެރެއިން ތިން މެންބަރަކު ތިބެގެން ކަމަށް ވުމާއި އެ ނިންމުން ޕާޓީގެ އޮފީހާ ހިއްސާކޮށްފައި ނުވާތީ އެ ނިންމުން ސައްހަ ނުވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެބޭފުޅުން ވިދާޅުވީ އެ ނިންމުން ބަދަލު ކުރެވޭނީ އިސްތިއުނާފު ކޮމިޓީއިންނޭ. ސްލޫކީ ކޮމިޓީގެ ނިންމުން ސައްހަވާނޭ. އެހެން ވިދާޅުވެ އެބޭފުޅުންނަށް ނުފެނުނީ ޖަލްސާގައި ތިބެން އަނެއް ދެމެންބަރުން ތިއްބަވަނިކޮށް،" މައުމޫން ވިދާޅުވި އެވެ.