ވިޔަފާރި

ސީދާ ފޯނުން ފައިސާ ދެއްކޭ ހިދުމަތް ބީއެމްއެލްއިން ތައާރަފުކޮށްފި

ފިހާރަތަކުން ވިޔަފާރިކުރުމަށްފަހު ފަސޭހައިން ބިލަށް ފައިސާ ދައްކާލެވޭ އަދި ރައްޓެހިންނާއި އާއިލާގެ މެންބަރުންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭ މުޅިން އާ ހިދުމަތެއް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ. މި ހިދުމަތް ތައާރަފްކޮށްފައިވަނީ މިރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި، އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާ ކުރެވިފައިވާ ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށް ފޯން ޕީއޯއެސް މެޝިން ގައި ޖައްސާލުމުން ފައިސާ ދެއްކޭނެ ނިޒާމާއި ޕީއޯއެސް ޓާމިނަލްގައި މޯބައިލް ނަންބަރު ޖަހައިގެން ފައިސާ ދެއްކޭނެގޮތްވެސް ހިމެނެ އެވެ. އަދި މީގެ އިތުރުން ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށް އެއްކަސްޓަމަރަކު އަނެއް ކަސްޓަމަރަކަށް ފައިސާ ފޮނުވުމުގެ ހިދުމަތްވެސް ލިބޭނެ އެވެ.

ބީއެމްއެލް ގެ ކާޑު ގެންގުޅޭ ކޮންމެ ކަސްޓަމަރަކަށްވެސް މި ހިދުމަތް ހޯދޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. "ބީއެމްއެލް މޮބައިލް ޕޭ" އެޕަލް އެޕް ސްޓޯ އިންނާއި ގޫގްލް ޕްލޭ ސްޓޯ އިން ޑައުންލޯޑް ކުރެވޭނެ އެވެ.

މި ހިދުމަތް ތައާރަފްކުރުމާ ގުޅެގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ އެންޑްރޫ ހީލީ ވިދާޅުވީ މީގެ އެއް އަހަރު ކުރިން ހަމަ މިހާ ލުއިފަސޭހަކަމާއެކު ބޭންކިން ހިދުމަތް ދިނުމުގެ އަމާޒުގައި ރާއްޖޭގެ ފުރަތަމަ މޮބައިލް ބޭންކިން އެޕް ތައާރަފްކޮށްފައިވާނެ ކަމަށެވެ. އަދި މިއަދު މި ތައާރަފްކުރަނީ އެއަށްވުރެ ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދޭނެ ވަސީލަތެއް ކަމަށް ވިދާޅުވި އެވެ.

"މިއީ ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ ގޮތެއް. ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށް ފިހާރަ އަދި ކޭފަތަކަށް ފައިސާ ދެއްކުމަށާއި އާއިލާގެ މެންބަރުންނަށާއި ރައްޓެހިންނަށް ފައިސާ ފޮނުވުން އަވަސްވެ ފަސޭހަވެގެންދާނެ،" ހީލީ ވިދާޅުވި އެވެ.

ބީއެމްއެލް މޮބައިލްޕޭ އާ އެކު ކަސްޓަމަރަށް ޕްރިޕެއިޑް އެކައުންޓެއް އެޕްގައި ހުޅުވޭނެ އެވެ. މި އެކައުންޓަށް ކަސްޓަމަރުގެ ބޭންކު އެކައުންޓުން ބޭނުން ވަގުތަކު ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ. ކަސްޓަމަރުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން މި ހިދުމަތަށް ރަޖިސްޓްރީ ކުރެވޭއިރު، ރަޖިސްޓްރީ ކުރުމާއެކު ކަސްޓަމަރުގެ ހުރިހާ ކާޑެއް ބީއެމްއެލް މޮބައިލް ޕޭ އެޕްގައި ހިމެނޭނެ އެވެ.

ބީއެމްއެލްއިން ބުނީ ބީއެމްއެލްގެ މޮބައިލްޕޭ މެދުވެރިކޮށް ކަސްޓަމަރުންގެ އެންއެފްސީ (ނިއާ ފީލްޑް ކޮމިއުނިކޭޝަން) ގެ ހިދުމަތް އެކުލެވޭ ފޯން ޕީއޯއެސް މެޝިން ގައި ޖައްސާލުމުން ފައިސާ ދެއްކޭނެ ކަމަށެވެ. އަދި އެންއެފްސީ ގެ ހިދުމަތް ނުލިބޭ ފޯންތައް ގެންގުޅޭ ކަސްޓަމަރުން ފައިސާދެއްކުމަށް ޕީއޯއެސް ޓާމިނަލްގައި މޮބައިލް ނަންބަރު ޖަހާލުމުން ފައިސާގެ މުއާމަލާތާ ގުޅޭ ގޮތުން ފޯނަށް ނޮޓިފިކޭޝަން އެއް ލިބޭނެ އެވެ. އެޕް މެދުވެރިކޮށް ކަސްޓަމަރު މި ނޮޓިފިކޭޝަން އެޕްރޫވް ނުކުރަނީސް އެކައުންޓުން ފައިސާ ޓްރާންސްފާ ނުވާނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.