ރިޕޯޓް

އިސްލާހި އެޖެންޑާ "ބަހަނާއަކަށް"! ފޯކަސް އެހެން ދިމާލަކަށް

Jul 21, 2016
12
  • އިސްލާހު ކުރެވޭ ވަރަށް ވުރެ ކޯޅުން ބޮޑު
  • ޕާޓީގެ ގުނަވަންތަކަށް ވުރެ އަމިއްލަ ވިސްނުމުގެ ބާރު ގަދަ
  • ޕާޓީގެ ކޯޅުން ފާރިސް އާއި ނާދިރާ ހިމާޔަތް ކުރުމުގައި

ޕީޕީއެމް ދެ ފަޅިއަކަށް ބައިވެ، ކޯޅުންތައް ފެށުނީ، ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަރުކާރަށް ފާޑު ވިދާޅުވެ ބޮޑު އިސްލާހީ އެޖެންޑާއެއް އިއުލާން ކުރުމުންނެވެ. އިސްލާހީ އެޖެންޑާގެ މައިގަނޑު ސަބަބެއް ކަމަށް މައުމޫން ވިދާޅުވީ ޕާޓީގެ ތެރޭގައި މުޅިން އެކީ އަހުލާގު ގެއްލި، ޑިމޮކްރަސީ ނެތިގެން ގޮސް ފަސާދަ އިތުރުވުމެވެ. އެއީ ހަމަ އަސްލުވެސް އެކަން އޮތް ގޮތް ކަމަށް ވެދާނެ އެވެ. އަދި ޕާޓީގައި ރައީސް މައުމޫންގެ ބަސް ނުވިކުމާއި އާންމު މެންބަރުންގެ ބައިވެރިވުން އިތުރު ކުރުމަކީ އިސްލާހީ އެޖެންޑާގެ އެއް ފޯކަސް ކަމަށް އޮތީ ހަދައިފަ އެވެ.

ޕާޓީގެ އިސްލާހު ކުރަން ދަތުރު ކުރައްވާނެ މަގު ޗާޓެއް ވެސް އެމަނިކުފާނު ވަނީ މިހާރު ނެރުއްވައިފަ އެވެ. އެކަމަކު އެ އިސްލާހީ އެޖެންޑާއަށް ވުރެ ޕާޓީގެ ތެރޭގައި ހުރި ކޯޅުންތައް މާ ބޮޑެވެ. މުޅި ފޯކަސް މި ވަނީ މިހާރު އެ ދިމާލަށް ހުއްޓިފަ އެވެ. ޕާޓީގެ އެތެރޭގައި ޖެހިގެން މި އުޅޭ މައިގަނޑު މައްސަލަ މި ހުއްޓެނީ، މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އާއި ކައުންސިލްގެ މެންބަރު ނާދިރާޔާ ހަމައަށެވެ. މިހާ ހިސާބުން ބޮޑު ސުވާލަކީ ޕީޕީއެމްގެ އިސްލާހީ އެޖެންޑާގެ ފޯކަސް މި އޮތީ ގެއްލިފައި ނޫން ހެއްޔެވެ؟ މިއީ އޮއްޓަރެއް ފައިދާއެއް ވާނެ އެޖެންޑާއެއް ހެއްޔެވެ؟

ޕީޕީއެމްގެ ތެރޭގެ ކޯޅުންތައް ދުވަހެއް ދުވަހަކަށް ބޮޑުވެ، ޕާޓީ މިދަނީ ފަޅައިގެންނެވެ. ޕީޕީއެމްގެ ޕީޖީގެ މެންބަރުންގެ އަގު ވައްޓާލި ކަމަށް ބުނެ، އެ މެންބަރުން ވެސް އެ ތިއްބެވީ ދޫކުރާ ގޮތަކަށް ނޫނެވެ. އަދި ބިޑަކާ ނުލާ ރަށްތައް ދޫކުރާ ބިލަށް ވޯޓުލާން ނެރުނު، ތްރީ ލައިން ވިޕާ ދެކޮޅަށް މައުމޫންގެ ދަރިކަލުން ފާރިސް ވޯޓު ދެއްވުމުން ގިނަ ޕީޖީ މެންބަރުން ބޭނުން ވަނީ އޭނާގެ މައްޗަށް ހަރުކަށި ފިޔަވަޅެއް އަޅާށެވެ. ސުލޫކީ ކޮމިޓީ އިން ވެސް ނިންމީ ފާރިސް ޕާޓީ އިން ބޭރުކޮށްލާާށެވެ.

އެކަމަކު އެންމެ ލޯބިވާ އެއް ދަރިކަލުން ޕާޓީ އިން ބޭރު ކުރަން މައުމޫން ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. ޕާޓީގެ އަސާސީ ގަވާއިދު އަތަށް ނަންގަވައި މައުމޫން ވިދާޅުވަނީ ފާރިސް ވަކިކުރަން ނިންމި ނިންމުން ސައްހަ ނޫން ކަމަށެވެ. އަދި ފާރިސް މަޖިލީހުގައި ވޯޓު ދެއްވި ދެއްވުން ވެސް ދިފާއު ކުރައްވާ މައުމޫން ވިދާޅުވަނީ ފާރިސް ވޯޓު ދެއްވީ ޕީޕިއެމްގެ އަސާސީ ގަވާއިދު އަސްލަކަށް ބަލައގެން ކަމަށާއި އެހެންވެ އެޅޭނެ ފިޔަވަޅެއް ވެސް ނެތް ކަމަށެވެ. ޕީޕީއެމްގެ ހުރިހާ މައްސަލައެއް ވެސް ގޮސް ހުއްޓިފައި މި އޮތީ މިހިސާބުގަ އެވެ. އިސްލާހީ އެޖެންޑާގެ އަޑު މި އޮތީ އެކީ ފަޑުކޮށްލައިފަ އެވެ.

"އިސްލާހީ އެޖެންޑާއެއް ތަންފީޒުވާތަނެއް ނޫން މި ފެންނަނީ. ކޮންމެ ފަޅިއަކުން ވެސް މި ފެންނަނީ އެ މީހުން ބޭނުންވާ ކަންތައްތަކެއް ޑިފެންޑް ކުރަން އުޅޭތަން. މައުމޫން ބޭނުންވާ އަމިއްލަ މަސްލަހަތުތައް އެމަނިކުފާނު ޑިފެންޑް ކުރައްވަނީ. އަނެއް ކޮޅުން ވެސް އެބޭފުޅުން ބޭނުންވާ ކަންތައްތަކެއް މި ޑިފެންޑް ކުރައްވަނީ. އަނެއްކާ އިސްލާހީ އެޖެންޑާ މައުމޫން އަމިއްލަފުޅަށް އިއުލާން ކުރެއްވީމާ އެއީތާއީދު އޮތް އެއްޗަކަށް ވެސް ނުވޭ. އޭގެ ބަދަލުގައި ޕާޓީ ތެރޭގައި މި ހިރަ އެތެރޭގެ މައްސަލަތަކާ ތަޅާފޮޅައިގަނެގެން ގޮސް މި ޕާޓީގެ އެތެރެ ދުވަހެއް ދުވަހަކަށް ހަލާކުވާތަން މި ފެންނަނީ،" ޕީޕީއެމްގެ އިސް މެންބަރަކު ނަން ނުޖެހުމަށް ޝަރުތު ކުރައްވާ އޭނާގެ ހިޔާލުފާޅު ކުރެއްވި އެވެ.

އެހެން ނަމަވެސް މައުމޫން ވިދާޅުވަނީ އެމަނިކުފާނު ކަންކަން ކުރައްވަނީ ރަނގަޅަށް ކަމަށާއި ދޫދެންޖެހޭ ކަމެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ޕާޓީގެ އެންމެ ބާރުގަދަ ގުނަން، ކައުންސިލްގެ ގިނަ މެންބަރުންގެ މައިގަނޑު ޝަކުވާ އަކީ، އާއިލާގެ ބޭފުޅުން ހިމާޔަތް ކުރައްވަން، ޕާޓީގެ އުސޫލުތަކުގެ ކުރިއަށް މައުމޫންގެ އަމިއްލަފުޅު އެޖެންޑާއެއް ނެރުއްވުމެވެ. ކައުންސިލްގެ ގިނަ މެންބަރުން ވެސް އެ ތިއްބެވީ އަމިއްލަފުޅަށް އަސާސީ ގަވާއިދު އަތް މައްޗަށް ނަންގަވައިގެންނެވެ.

ޕާޓީގެ ކައުންސިލް މެންބަރަކު ވިދާޅުވި ގޮތުގައި އިސްލާހީ އެޖެންޑާގެ ހުރިހާ ވާހަކައެއް މައުމޫން ނިންމަވާލައްވަނީ ފާރިސް ޕާޓީ އިން ވަކިކުރަން ނިންމި ނިންމުން ގަބޫލު ނުކުރައްވާ ކަަމަށް ވިދާޅުވަމުންނެވެ. މި މައްސަލައަށް ކޯޅެން ހަދައިގެން ސުލްހަ ކުރުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން ވެސް ވީ ފެއިލެވެ.

ކޮންމެއަކަސް ޕާޓީ ތެރޭގައި ޖެހުނު މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް އެނބުރިފަ އެވެ. ޕާޓީ އިސްލާހު ކުރަން ނިކުތް ފަރާތްތަކުގެ މައިގަނޑު ހަނގުރާމައަކަށް ވެސް މިހާރު ވެފައި މި އޮތީ، ފާރިސްއާއި ނާދިރާގެ މައްސަލަގަނޑުގައި ހަނގުރާމަ ކުރުމެވެ. އެ ދެ ބޭފުޅުން ބައިވެރިނުކޮށް މައްސަލަތައް ހައްލު ކުރަން މައުމޫން ވެސް ބޭނުންފުޅެއް ނުވެއެވެ. އަދި ކައުންސިލްގެ ގިނަ މެންބަރުން ވެސް ބުނަނީ، ފާރިސް އާއި ނާދިރާ އިންނަވާ ކައުންސިލް ބައްދަލުވުމަކަށް ނާރާނެ ކަމަށެވެ. އިސްލާހު ކުރަން ނިކުތް މައުމޫންގެ އަމާޒު މިހާރު ފާރިސް ސަލާމަތް ކުރަން ބަދަލުވީ ކަމަށް އެބޭފުޅުން ސިފަ ކުރައްވަ އެވެ. އެހެން ވީމާ މިހާރު މިއީ ޕާޓީގެ ތެރޭގައި މިވަގުތަށް މިއޮތް އެންމެ ބޮޑު ކޯޅުމެވެ.

ސުލޫކީ ކޮމިޓީ ބޭއްވި ގޮތާ މެދު ޝައްކު

"ޕާޓީއިން ފާރިސް އާއި ނާދިރާ ވަކިކޮށްފައިވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ ސައްހަ ބައްދަލުވުމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.

އެކަމަށް މައުމޫން ދެއްވާ ޖަސްޓިފިކޭޝަން މި އޮތީ އެވެ؛ އެމަނިކުފާނު ގަބޫލު ކުރައްވަނީ އެކޮމިޓީގައި ހަތް މެންބަރުން ތިއްބަވަން ޖެހޭ އިރު ތިން މެންބަރުންނާ އެކު ބައްދަލުވުން ބޭއްވުމުން ކޯރަމް ހަމަނުވާނެ ކަމަށެވެ. އަދި އެ ކޮމިޓީގެ ޖަލްސާގެ ޔައުމިއްޔާ ވެސް ޕާޓީގެ އޮފީހަކަށް ނުލިބެ އެވެ. އަދި ރިޔާސަތުން ވެސް ވޯޓްގައި ބައިވެރިވި އެވެ.

އެއާ ވިދިގެން ޕާޓީގެ އަސާސީ ގަވާއިދު ލިޔުއްވި އެއް މެންބަރު މުހައްމަދު ހުސެން ޝަރީފު (މުންދު) ވިދާޅުވަނީ ކައުންސިލް ބައްދަލުވުން ސައްހަ ކަމަށާއި އުސޫލުތަކައި އެއްވެސް އިރެއްގައި ހިލާފުވެފައެއް ނެތް ކަމަށެވެ.

އެ މައްސަލާގައި "އަވަސް"އާ ވާހަކަދައްކަވަމުން ސުލޫކީ ކޮމިޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ކޮމިޓީގެ އެއްވެސް މަސައްކަތަކާ ގުޅޭގޮތުން މައުމޫން ދައްކަވާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާއި މީގެ ކުރިންވެސް އެތަށް ފަހަރެއްގެ މަތިން ތިން މެންބަރުން ހިމަނައިގެން ކޮމިޓީ ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

"ކޮމިޓީގައި އިންނަން ޖެހޭނީ ފަސް މެންބަރުން. އޭގެން އެއްމެންބަރަކު އިންފޮމޭޝަން ކޮމިޝަނާ ކަމަށް ހޮވުމުން ވަނީ ވަކިވެފައި. ދެން ބާކީ ތިބި ހަތަރު މެންބަރުންގެ ތެރެއިން އެއް މެންބަރަކު އެ ދުވަހު އުޅުއްވީ ބަލި ވެގެން. ދެން އަޅުގަނޑުމެން އެންގިން ފާރިސްއަށް ދިފާއުގައި ވާހަކަދައްކަވާނެ ދެ މެންބަރުން ގޮވައިގެން ހާޒިރުވާން. ނަމަވެސް އެ ފުރުސަތު ވެސް ފާރިސް ދޫކޮށްލެއްވި. ދެން އަޅުގަނޑުމެން ތިން މެންބަރުންގެ އިއްތިފާގުން ނިންމެވީ ފާރިސް ވަކި ކުރަން،" ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ސުލޫކީ ކޮމިޓީ ތެރެއިން ފާރިސް އާއި ނާދިރާ ވަކި ކުރެއްވީ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށާއި އަދި އެ ނިންމުމަކީ ވެސް ސައްހަ ނިންމުމެއް ކަމަށެވެ. އަސާސީ ގަވައިދުގައިވާ ގޮތުގައި ސުލޫކީ ކޮމިޓީގެ ދާއިމީ މެންބަރުންގެ އަދަދަކީ ފަހެކެވެ. އަދި މައްސަލަ ރައްދުވާ ފަރާތުން އިތުރު ދެ މެންބަރުން ވެސް ހާޒިރުކުރުމަކީ މައްސަލަ ރައްދުވާ ފަރާތަށް ލިބޭ ހައްގެކެވެ. ހަތެއް ހަމަވަނީ އެ އުސޫލުން ކަމަށް އަސާސީ ގަވާއިދުގައި ބުނެ އެވެ.

ސުލޫކީ ކޮމިޓީ ވެސް ހިނގަނީ މުޅިން ރަނގަޅަކަށް ނޫނެވެ. އެ ކޮމިޓީއަށް ހުށަހެޅިފައިވާ ބައިވަރު މައްސަލަތައް އެބަ ހުއްޓެވެ. އެކަމަކު އަވަސް އަރުވާލައިގެން އެންމެ ދެތިން މެންބަރެއްގެ މައްސަލަ ބަލައި ނިންމާލުމަކީ ވެސް އަދި އިންސާފެއް ނޫނެވެ. އެހެން ވީމާ ކޮންމެ ކޮޅަކުން ވެސް މި އޮތީ ގޯސް ހަދައިފަ އެވެ. ސުލޫކީ ކޮމިޓީގެ ކަންކަމާ މެދު ޝައްކު އުފައްދަން ފުރުސަތު ލިބިފައި މި އޮތީ ވެސް އެހެންވެ އެވެ.

މި ހުރިހާ ސަބަބަކާ ހުރެ، ޕީޕީއެމްގެ އިސްލާހީ އެޖެންޑާއަށް ވުރެ ޕާޓީގެ އެތެރޭގެ ކޯޅުންގަނޑު ގޮސް މި ހުއްޓެނީ، އެހެން މައްސަލަ އެއްގަ އެވެ. ޕާޓީގެ ރައީސްގެ އަމާޒު ވެސް މި ހުރީ އެ އެޖެންޑާއަށް ވުރެވެސް ބޮޑަށް ފާރިސް އާއި ނާދިރާ ހިމާޔަތް ކުރެއްވުމަށެވެ. އަނެއް ކޮޅުން ނިކުމެ ފޫގަޅާފައި މި އޮތީ، މައުމޫންގެ މަގުސަދު ހާސިލްވިޔަ ނުދިނުމަށެވެ. ކޮންމެ ގޮތަކަށް ވިޔަސް ޕާޓީގެ އިސްލާހީ އެޖެންޑާއަކީ ހަމައެކަނި ބަހަނާއެއް ކަމަށް ބުނެވޭ، ވަރަށް މައްސަލައިގެ ފޯކަސް މި އޮތީ ބަދަލުވެފަ އެވެ. ޕާޓީގެ ތެރޭގައި ކޯޅި އަރައިރުންވެ، ޕާޓީ ފުޑިގެން ގޮސް މި ހާލު ޖެހިގެން މި އުޅެނީ ކޮންމެ ބަޔަކު ވެސް އެބަޔަކު ހިތައް އެރި ގޮތަކަށް، އަސާސީ ގަވާއިދު މާނަކޮށް ބޭނުންވާ ގޮތަކަށް މަސައްކަތް ކުރަން ދުއްވައިގަތީމަ އެވެ.