ހަބަރު

ކުރީގެ ނޫޓުތައް ބަދަލުކޮށްދޭން އެމްއެމްއޭއިން އަތޮޅުތަކަށް!

އާންމުން އަތުގައި ހުރި ކުރީގެ ނޫޓުތައް، ރަންދިހަ ފަހަކަށް ބަދަލުކޮށްދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އަތޮޅުތަކަށް ދަތުރު ފަށައިފި އެވެ.

އެމްއެމްއޭގެ ވެބް ސައިޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މިމަހު ނިޔަލަށް ވިޔަފާރީގެ މުއާމަލާތްތަކުގައި ކުރީގެ ނޫޓުތައް ބޭނުންކުރަން ހުއްޓާލުމަށް ނިންމާފައިވީ ނަމަވެސް އަދިވެސް ބައެއް ރަށްރަށުގައި ކުރީގެ ނޫޓުތައް ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ހއ، ހދ، ށ، ނ އަދި ރ އަތޮޅުގައި ކުރީގެ ނޫޓުތައް ބޭނުންކުރާ ވަރު ގިނަ ކަން ފާހަގަވެފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެހެންކަމުން ކުރީގެ ނޫޓުތައް ރަންދިހަ ފަހަކަށް ފަސޭހަކަމާ އެކު ބަދަލު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް މިއަދުން ފެށިގެން އަންނަ ހަފްތާގެ ހުކުރު ދުވަހަށް އެ އަތޮޅުތަކުގައި ބީއެމްއެލްގެ ބްރާންޗުތައް ހުންނަ ރަށްތައް ފިޔަވާ އެހެން ރަށްތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭއިން ބުނެޏެވެ.

އަންނަ މަހުން ފެށިގެން ވިޔަފާރިތަކުން ކުރީގެ ނޫޓުތަކުގެ މުއާމަލާތް ހުއްޓައިލި ނަމަވެސް އެމްއެމްއޭއިން ބުނެފައި ވަނީ މިއަހަރުގެ ނިޔަލަށް ބީއެމްއެލްގެ ހުރިހާ ބްރާންޗަކުން ކުރީގެ ނޫޓު ޖަމާކޮށްގެން ރަންދިހަ ފަހެއް ލިބޭނެ ކަމަށެވެ. އަދި ފަސް އަހަރުގެ މުއްދަތަކަށް އެމްއެމްއޭ އިންވެސް އެނޫޓުތައް ބަލައިގަންނާނެ ކަމަށް އެ ބެންކުން ބުނެފައިވެއެވެ.