ޝަރުއީ ދާއިރާ

ޝަރުއީ ދާއިރާއަށް ހާއްސަ ޗެނަލެއް ހަދަން މަސައްކަތް ކުރަނީ

ޝަރުއީ ދާއިރާއަށް ހާއްސަކޮށްގެން ޗެނަލެއް ހަދަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައި އެކަމަށް މަސައްކަތް ފަށައިފި އެވެ.

ޝަރުއީ ދާއިރާއާއި މީޑިއާ ގުޅިގެން މަސައްކަތްކުރުމުގެ މާހައުލެއް ގާއިމްކުރުމަށްޓަކައި ކުރިޔަށް ގެންދިޔަ "ޝަރުއީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކް"ގައި ޕީއެސްއެމްއާ އެކު ޑީޖޭއޭއިން ބޭއްވި ބައްދަލުވުމުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވިދާޅުވީ، އެފަދަ ޗެނަލެއް އުފައްދަން މަސައްކަތް ކުރަނީ، ޝަރުއީ ދާއިރާއާމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، އެ ދާއިރާގެ މައުމޫލާތު އެއްތަނަކުން ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ.

މި ޗެނަލް އިން ކުރިޔަށް ގެންދާނެ ޕްރޮގްރާމްތަކާއި ސެގްމެންޓްތައް އެކުލަވާލައި، ޗެނަލްގެ މަސައްކަތް އަމަލީގޮތުން ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވައި، އެކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ. ޕީއެސްއެމް އިން އަދި އެ ޗެނަލް ހަދަން ނިންމާފައި ނުވާ ކަމަށްވެ އެވެ.