އަހުމަދު މަހްލޫފު

މަހުލޫފުގެ މައްސަލަ އދ.ގެ ވޯކިން ގުރޫޕަށް ހުށަހަޅަނީ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރި މައްސަލައާއި މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާ މަހުލޫފުގެ މައްސަލަ އދ. ގެ ވޯކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޓަންޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

މިއަދު މަހުލޫފުގެ ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ، މަހުލޫފުގެ މައްޗަށް ހުކުމް އިއްވާފައިވަނީ ޝަރީއަތާއި އަދުލު އިންސާފުން ބޭރުން ކަމަށެވެ. އަދި މިހާރު ހުކުމް ކުރުމަށް ތައްޔާރުވެފައިވާ މަހުލޫފުގެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ވެސް އަދުލު އިންސާފާއި ޝަރީއަތާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ދެ މައްސަލަ ވެސް ވޯކިން ގުރޫޕަށް ހުށަހަޅާނެ ކަމަށެވެ.

މަހުލޫފުގެ އަނެއް ވަކީލް ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ، މަހުލޫފު ޖަލަށްލުމަށްކުރި ހުކުމުގައި ފަރުދީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިންޓަނޭޝަނަލް ކޮންވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު)އާއި ޔުނިވާސަލް ޑިކްލަރޭޝަންސް އޮފް ހިއުމަން ރައިޓްސްއާ ހިލާފު ކަންކަން ކޮށްފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ކޯޓުން މައްސަލަ ނުނިންމުމަށް އެދި ވޯކިން ގުރޫޕަށް ހުށަހެޅޭނެ ކަމަށާއި މަހުލޫފުގެ މިހާރު ކުރިއަށްދާ މައްސަލާގައި އިންސާފުގެ ހަމަތަކާ ބޭރު ކަންކަން ކޮށްފައިވާ ކަމަށެވެ. ނާޒިމް މިހެން ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަސް ނަފީކުރެވޭވަރުގެ ހެކި ބަހެއް ދެވޭނެ ވަރުގެ، ހެކިވެރިއެއް މަހުލޫފުގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް ވިދާޅުވެ މައްސަލަ ބައްލަވާ ގާޒީ އެ ހެކިންގެ ހެކި ބަސް ނުނަގަން ނިންމާފައިވާ މައްސަލައިގަ އެވެ.

މީގެކުރިން ރައީސް ނަޝީދުގެ މައްސަލަ ބެލުމަށް ފަހު ނަޝީދު ދޫކޮށްލުމަށް ވެސް އދ.ގެ ވޯކިން ގުރޫޕުން ރާއްޖެއަށް ވަނީ ގޮވާލާފަ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްސަލަ ވެސް ވަނީ އދ. ގެ ވޯކިން ގުރޫޕަށް ހުށަހަޅާފަ އެވެ. އދ.ގެ ވޯކިން ގުރޫޕުގެ ނިންމުންތަކަކީ ތަންފީޒު ކުރުން ލާޒިމް ކުރާ ނިންމުމެއް ނޫނެވެ.