ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބުނެ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބަންދުގައި ބަހައްޓަން ދަށު ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފީ ދެވަނަ އަޑުއެހުން މާދަމާ ބާއްވަން ހައި ކޯޓުގައި ތާވަލްކޮށްފި އެވެ.
ނާޒިމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި އޭނާ ހައްޔަރުކުރަން އެ ކޯޓުން ނެރުނު އަމުރެވެ. ވަކިވަކިން އިސްތިއުނާފްކޮށްފައިވާ އެ ދެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހޯމަ ދުވަހު ހައި ކޯޓުގައި ބޭއްވިއިރު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އެދުވަހުގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ.
އެހެންވެ، މާދަމާ މެންދުރުފަހު ބާއްވާ އެ ދެ މައްސަލައިގެ އަޑުއެހުމުގައި އެ ދެ މައްސަލައިގެ ހުކުމް ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.