ހަބަރު

ފުލުހުނަށް އިހާނެތިކޮށް ހިތާ ބަޔަކު މުޖުތަމައުގައި އެބަތިބި: ޒުހޫރު

  • މިފަދަ ކަންކަމަށް ފުލުހުން ތިބޭނީ ސާބިތުކަމާ އެކު
  • ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒެއް ނުވެއްދޭނެ
  • ޝަހީދުވި ފުލުހުންގެ އާއިލާތަކުގެ އިނާޔަތްތައް ރަނގަޅު ކުރާނެ

ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ބަޔަކު މީހުން، ފުލުހުންނަށް އިހާނެތިކޮށް ހިތަމުންދާ ކަމަށް ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު މިރޭ، ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތުގައި އުޅެނިކޮށް މަރުވި، ފުލުހުންގެ ހަނދާނުގައި ފާހަގަ ކުރާ "ޕޮލިސް މެމޯރިއަލް ދުވަސް" ފާހަގަ ކުރުމަށް މިރޭ ބޭއްވި ހަފްލާގައި ޒުހޫރު ވިދާޅުވީ އެކި ސަބަބުތަކަކަށް ޓަކައި އެކަކު އަނެއްކަކަށް ޖެއްސުން ކުރުމުގެ އާދަ މުޖުތަމައުގައި އަށަގެންފައިވާ ކަމަށާއި ރައްޔިތުންގެ ތެރޭގައި ނުރަނގަޅު ވާހަކަތައް ފަތުރާ ގޯސްކޮށް ކުރެވޭ ކަންކަން ވެސް ބޮޑުކޮށް ދެއްކުމުގެ މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ފުލުހުންނަކީ އެފަދަ ބައެއްގެ ވަސްވާހަށް ޖެހިގެންވާނެ ބައެއް ނޫން ކަމަށާއި ފުލުހުން ތިބެން ޖެހޭނީ ގައުމާއި ރައްޔިތުންގެ ރައްކަލުގައި ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރުމުގައި ކަމަށް ޒުހޫރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގައުމާއި މުޖުތަމައުގެ ރައްކާތެރިކަމަށް ފުލުހުން ކުރާ މަސައްކަތްތަކަކީ ރައްޔިތުން ބަލައިގަންނަން ޖެހޭ ކަމެއް ކަމަށާއި ނަމަވެސް ވަކި މަގުސަދެއް ހާސިލް ކުރަން މަސައްކަތް ކުރާ ސިޔާސީ ފަރާތްތަކެއްގެ ސަބަބުން މިއަދު ފުލުހުންނަށް އިހާނެތިކޮށް ހިތަމުންދާ ކަމަށެވެ.

"މިއަދު ސިޔާސީ ފައިދާ އެއް ހޯދަން ސިޔާސީ މަގްސަދެއްގައި ގައުމުގެ ހިމާޔަތުގައި ތިބޭ ފުލުހުންނާއި މެދު އިހާނެތިކޮށް ކަންތައް ކުރާ މަންޒަރު ފެންނަމުން މިދަނީ ސިޔާސީ ވެރިންނަަކީ އެބަޔަކު ބޭނުންވާ ކަންތައްތައް ހާސިލް ކުރަން ދޮގު ވެސް ހަދާފާނެ ބައެއް. އަދި ތެދު ދޮގު ގޮތުގައި ދައްކަން މަސައްކަތް ކުރާނެ ބައެއް. ނަމަވެސް ފުލުހުންނަކީ ހެޔޮ ވިސްނޭ ރަނގަޅު އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރާ ބައެއް ކަމާ މެދު ޝައްކެއް ނެއް، އަތުގުޅައިލާގެން ދެމިތިބެން ޖެހޭނެ،" ޒުހޫރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންނަށް ގޮންޖެހުންތަކާއި ދަތިތަށް ކުރިމަތިވީ ނަމަވެސް އެކަންތަކުގައި ފަސް ނުޖެހި ދެމިތިބުމަށް ގޮވައިލާ ކަމަށާއި ފުލުހުން ސިޔާސީ ވެއްޖެ ނަމަ ގައުމުގެ މުސްތަގުބަލު އިތުރަށް ގޯސްވާނެ ކަމަށެވެ. ނަމަވެސް މަދުބަޔަކު އެގޮތަށް ކުރާ މަސައްކަތުގެ ގޮންޖެހުންތައް ފުލުހުންނަށް ދިމާވާ ކަމަށާއި އޭގެ ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށް ޒުހޫރު ފާހަގަ ކުރެއްވި އެވެ.

ޒުހޫރު ވިދާޅުވީ ފުލުހުން ގައުމަށްޓަކައި ކުރާ މިފަދަ މަސައްކަތުގައި ދެމި ތިބެ އަދި ދުނިޔެ ދޫކޮށްފައިވާ މީހުންނަކީ ލާމަސީލް ބައެއް ކަމަށާއި އަދި އެ މަސައްކަތަކީ އެއްވެސް ރައްޔިތެއްގެ ހިތުން ފިލައިގެން ދާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން އެފަރާތްތަކުގެ އާއިލާއަށް ދޭންޖެހޭ އެހީތެރިކަމައި އެއްބާރުލުން އިތުރު ކުރުމަށް، ދިރާސާ ކުރުމަށް ފަހު އެ ފަރާތްތަކަށް ލިބެން ޖެހޭ ހައްގު ހޯދައިދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.