ނޫސްވެރިން

ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި، ލުއި ދޭނަން: ރިޔާޒު

  • އަވަސް އަރުވާލައިގެން ބިލް ފާހެއް ނުުކުރާނެ
  • ކޮމިޓީއަށް މީޑިއާގެ ފަރާތްތައް ހާޒިރު ކުރާނެ
  • ބިލްގެ މަގުސަދު ގެއްލޭ އިސްލާހަކަށް ފުރުސަތެއް ނެތް

ރައްޔިތުން މަޖިލީހަށް އަލަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ބަލައި، ނޫސްވެރިންނަށް ދެވެން އޮތް ލުޔެއް ދިނުމަށް މަޝްވަރާކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

"އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒު ވިދާޅުވީ، އަބުރާ ގުޅޭ ބިލް، އަވަސް އަރުވާލައިގެން ފާސްކުރަން އުޅޭ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރާފައިވަނީ ދޮގު ހަބަރެއް ކަމަށެވެ. އަދި އެ ބިލް ފާސްކުރާނީ ކޮމެޓީ މަރުހަލާގައި މަޝްވަރާކޮށް ބިލް ރަނގަޅަށް ދިރާސާކުރުމަށްފަހު ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ، ކޮމެޓީގައި ބިލާ ގުޅިގެން މަޝްވަރާކުރާއިރު، ކަމާ ގުޅުންހުރި ފަރާތްތައް ކޮމެޓީއަށް ހާޒިރުކޮށް ލަފާ އައްސަވާނެ ކަމަށެވެ. އަދި ބިލާ ގުޅިގެން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް، އިހުތިޖާޖުކޮށްފައިވާތީ، އެ ނޫސްވެރިންގެ ކަންބޮޑުވުންތައް ވެސް ބަލައި، ބިލްގެ މަގުސަދަށް އުނިކަމެއް ނާންނަ ގޮތަށް ނޫސްވެރިންނަށް ދެވެން އޮތް ލުޔެއް ދިނުމަށް ކޮމެޓީގައި މަޝްވަރާކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބުރާ ގުޅޭ ބިލެއް އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅުއްވީ، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކެވެ. އެހެން ނަމަވެސް އޭނާ ވަނީ އެ ބިލް އަނބުރާ ގެންދަވައިފަ އެވެ.

އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު މަޖިލީހަށް ހުށަހަޅާފައިވާ އާ ބިލްގައި ކުރިން ހުށަހެޅި އަބުރާ ގުޅޭ ބިލާ ހިލާފަށް ނޫސްވެރިންނަށް އިސްތިސްނާތަކެއް ވަނީ ހިމަނާފަ އެވެ. ނަމަވެސް ނޫސްވެރިން ކަންބޮޑުވާ ބައެއް ކަންކަން އަދިވެސް އެ ބިލްގައި އެބަ ހުއްޓެވެ. އެގޮތުން ބައެއް ހާލަތްތަކުގައި މިހާތަނަށް މީޑިއާގައި ރިޕޯޓް ކުރަމުން އައި ގޮތަށް ހުރިހާ ވާހަކައެއް ރިޕޯޓެއް ނުކުރެވެ އެވެ. މައިގަނޑު ތިން ކަމެއް ލިމިޓް ކުރެ އެވެ. ފުރަތަމަ އަދި އެންމެ މުހިންމު ކަމަކަށް މީހެއްގެ ހައްގަށް، ނަމަށް، އަބުރަށް، ގަދަރަށް ނުވަތަ ކަރާމާތަށް އުނިކަމެއް ނޫނީ ގެއްލުން ލިބޭ އަދި ސާބިތު ނުހިފޭ ދޮގު ހަބަރު ނުފެތުރޭ ކަމަށް ބިލްގައިވެ އެވެ.

ކުރިން ހުށަހެޅި ބިލުގައި ނޫސްވެރިން އެންމެ ބޮޑަށް ކަންބޮޑުވީ ފަތުރާ ހަބަރެއްގެ ސަބަބުން ޖިނާއީ ދައުވާ ކުރެވޭތީ އެވެ. ނަމަވެސް މިހާރު އެކަމަށް ލުޔެއް އެބައޮތެވެ. ކުރާނީ މަދަނީ ދައުވާއެކެވެ. މީޑިއާގެ ގޮތު، ރަޖިސްޓްރީކޮށްފައިވާ ނޫޙެއް، ޗެނަލެއް އަބުރާ ބެހުމުގެ މައްސަލައަކަށް ތުހުމަތު ކުރެވޭނަމަ އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއަށެވެ.

އަބުރާ ބެހުން ކަމުގައި ނުބެލެވޭ ހަބަރުތައް ވެސް މި ބިލްގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން މުއައްސަސާއެއްގައި ހިންގަމުންދާ ގާނޫނާ ހިލާފު ކަންކަމާއި މީހެއްގެ ސިއްހަތައް ނުވަތަ ފުރާނައަށް ގެއްލުން ވެދާނެ ހިޔާލުތަކާއި މުއައްސަސާއަކުން ކުރާ ކަމަކުން ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލަކަބެހޭ ގޮތުން ހަބަރު ފެތުރުމަކީ އަބުރާ ބެހުން ކަމަކަށް ނުބެލެވެ އެވެ. އަދި ޖަލްސާ ނޫނީ ޕޯޑިއަމްތަކުގައި ދައްކައި ވާހަކަ ރިޕޯޓު ކުރުމުގައި މާނަ ނުގެއްލޭ ގޮތަށް ހަބަރު ރައްދުވާ ފަރާތެއްގެ ބަހެއް ހޯދައިގެން ހަބަރު ފެތުރުން ވެސް އަބުރާ ބެހުން ކަމުގައެއް ނުބެލެވެ އެވެ.

އަބުރުގެ ކުށެއް ގޮތުގައި ނުބެލެވޭ ކަންތަކު ތެރޭގައި އިލްމީ މަގްސަދެއްގައި ހިޔާލު ފާޅުކުރުމާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދައްކާ ވާހަކަތަކާއި، ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ޝަރުއީ ކޯޓެއްގައި ދެކެވޭ ވާހަކަތައް ވެސް ހިމެނެ އެވެ. އަދި ތަހުގީގު ކުރާ މުއައްސަސާތަކުން ކުރާ ތަހުގީގާ ނުވަތަ ކަމެއް ހޯދައި ހޯދުމުގެ ތެރޭގައި ދެކެވޭ ވާހަކަތަކަށް ދައުވާ ނުކުރެވޭނެ އެވެ. މީގެ އިތުރުން ބޭރުގެ ކޯޓުތަކާއި ޖަމާއަތް ނޫނީ މަޖިލީހަކުން ރަސްމީކޮށް ޝާއިއުކުރާ ވާހަކަތައް ނޫނީ އެއާ ހަވާލާދީ ލިޔެފައި ހުރި ލިޔުންތަކުގައިވާ ވާހަކަތަކަކީ އަބުރާ ބެހުމުގެ ކުށެއް ކަމުގައި ނުބެލެވެ އެވެ.