ހަބަރު

65 އަހަރުގެ އިސްލާހާ މެދު ޕީޕީއެމްގެ ވިސްނުމެއް އަދި ނެތް: ނިހާން

އުމުރުން 65 އަހަރުވުމުން ރައީސް ކަމަށް ކުރިމަނުލެވޭނެ ގޮތް ހަދަން ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހަށް ތާއީދު ކުރަން ޕީޕީއެމުން އަދި ނިންމާފައި ނެތް ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ އެ އިސްލާހަކީ ޕީޕީއެމް ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ މެންބަރަކު މަޖިލީހަށް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހަށް ތާއީދު ކުރުމާއި ނުކުރުމާ މެދު ޕީޕީއެމްގެ ޕީޖީގައި ވެސް މަޝްވަރާ ކުރެވިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އިސްލާހާ މެދު ޕީޕީއެމްގެ ސްޓޭންޑެއް ނިންމާނީ ޕީޖީ ގްރޫޕްގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"ބަޖެޓް ފާސްކޮށް މަޖިލީހުގެ ދައުރު ނިމުނުތަނާ ކަހަލަ ގޮތަކަށް ހުށަހެޅިގެން އައި އިސްލާހެއް މިއީ. ދެން އެކަމަކާ އަޅުގަނޑުމެން މަޝްވަރާއެއް ވެސް ނުކުރަން. އަދި އެއަށް ތާއީދު ކުރާކަށް ވެސް ނިންމާފައެއް ނެތް. އެކަމާ މެދު ގޮތެއް ނިންމޭނީ ޕީޖީގައި މަޝްވަރާ ކުރުމަށް ފަހު،" ނިހާން ވިދާލުވި އެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދިވެސް ބައެއް ސިޔާސީ ބޭފުޅުން ހިޔާލުތަފާތުވެ "އެލާޓް" ވެގެން އުޅުއްވަނީ އެ އިސްލާހާ ގުޅިގެން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި މިހާރު މަޝްރަހު ހުރި ގޮތުން އެ އިސްލާހާ މެދު ޕީޕީއެމްގެ ޕީޖީ އިށީންދެ ވަރަށް ފުންކޮށް ވިސްނައި މަޝްވަރާ ކުރާނެ ކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޖީގެ މެންބަރުންގެ ހިޔާލެއް ނެތި އެކަމުގައި ޕީޕީއެމުން ސްޓޭންޑެއް ނުނަގާނެ އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕަށް ރައީސްގެ ފަރާތުން އައްޔަން ކުރައްވާފައިވާ މަންދޫބު، ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވެސް ދާދި ފަހުން ވިދާޅުވީ ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހަކީ ސަރުކާރު ހިންގާ ޕީޕީއެމުން ހުށަހެޅި އިސްލާހެއް ނޫން ކަމަށާއި އެއީ ވަކި މެންބަރަކު އޭނާގެ އަމިއްލަ ހިޔާލުގައި ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހަށް ތާއީދު ކުރަން ޕީޕީއެމްގެ އެއްވެސް ނިންމުމެއް ނެތް ކަމަށް އަދީބު ވިދާޅުވި އެވެ. އެފަދަ ގޮތަކަށް އެކަން އޮތް އިރު، އެކަމުގައި ކަންބޮޑުވެގެން ސިޔާސީ ބަޔަކު މަގުމައްޗަށް ނިކުންނަން ނުޖެހޭ ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ.