ވިޔަފާރި

އެއާޕޯޓް އާ ރަންވޭ އަޅަން ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

  • 60 ހެކްޓަރުގެ ބިން ހިއްކާނެ
  • އާ ރަންވޭ އެޅުމުން ޓްރެފިކް ފްލޯއަށް ލުއި ލިބޭނެ
  • އެއާޕޯޓް ތަރައްގީއަށް 800 މިލިއަން ޑޮލަރުގެ މަޝްރޫއެއް

އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގެ އާ ރަންވޭ އެޅުމަށް ބޭނުންވާ 60 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި މަސައްކަތް މިއަދު ފައްޓަވައި ދެއްވީ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމިން އެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިމް މޫސާ ވިދާޅުވީ، އާ ރަންވޭ އެޅުމަށް، 60 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއާޕޯޓްގެ އެމްޑީ، އާދިލް މިއަދު ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ބުރުނާރުވައި ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށެވެ. އަދި ރާވާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ދާ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

އާ ރަންވޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ. އެ މަޝްރޫއުގެ ދަށުން އަޅައި އާރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 65 މީޓަރު ހުންނާނެ އެވެ. އެ ރަންވޭއަށް އެންމެ ފަހުގެ ބޮޑެތި ފްލައިޓްތައް ޖެއްސޭނެ އެވެ. އަދި މިހާރު ބޭނުން ކުރާ ބާ، ރަންވޭ ޓެކްސީވޭ އަކަށް ބަދަލު ކުރާނެ އެވެ. އެއާޕޯޓް ބޮޑުކުރުމުން 7.2 މިލިއަން ދަތުރުވެރިންނަށް ކޭޓާ ކުރެވޭނެ ކަމަށް ވެސް އެކުންފުނިން ލަފާކުރެ އެވެ.

އާ ރަންވޭ އަޅަން ހިއްކާ ސަރަހައްދުގައި ޒަމާނީ ފިއުލް ފާމެއް ވެސް އަޅާނެ އެވެ.

އައިއެންއައިއޭ ތަރައްގީ ކުރުމަށް، ހިންގާ 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެ މަޝްރޫއުގެ ދަށުން އާ ރަންވޭއަކާއި މުޅިން އާ ޓާމިނަލް އިމާރާތެއް އަޅާނެ އެވެ. ޓާމިނަލް އިމާރާތް އަޅަނީ ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕުންނެވެ.