އަހުމަދު މަހްލޫފު

ދެއްކި ވާހަކަތަކަކާ ގުޅިގެން މަހުލޫފްގެ ވަކީލު ސަސްޕެންޑުކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ މައްސަލައާ ގުޅިގެން މިިދިޔަ ބުރާސްފަތި ދުވަހު މީޑިއާއަށް މައުލޫމާތު ދިނުމުގައި ހަގީގަތާއި ހިލާފް ވާހަކަތަކެއް ދެއްކި ކަމަށްބުނެ މަހްލޫފްގެ ދިފާއީ ވަކީލު ގ. ކެނެރީގެ އަހުމަދު ނާޒިމް އެމައްސަލައިގެ ވަކީލެއްގެ ހައިސިއްޔަތުން ސަސްޕެންޑުކޮށްފި އެވެ.

މަހުލޫފްގެ މައްސަަލައިގައި ދިން ޕްރެސްގައި ނާޒިމް ބުނެފައި ވަނީ، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔައީ، އިންސާފުން ބޭރުން ކަމަށާއި، ޝަރީއަތުގައި މަހުލޫފްގެ ހައްގުތައް ނިގުޅައިގެންފައިވަނީ އެއްވެސް ހަމައެއް ނެތިކަމަށެވެ. އަދި ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އަވަސް އަރުވާލައިގެން ކަމަށާއި އިންސާފުވެރި ޝަރީއަތެއްގައި ހުންނަންޖެހޭ އެންމެ އަސާސީ ސިފަތަކަށް އިހްތިރާމް ކޮށްފައ ނުވާކަމަށް ވަކީލް ވަނީ ވިދާޅުވެފަ އެވެ. އަދި ވަކީލް ވިދާޅުވީ، އެކަށީގެންވާ ދިފާއު ތައްޔާރުކުރުމުގެ ހައްގަށް ހުރަސް އަޅާފައިވާއިރު ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށް މައްސަލަ ނިންމަން މަސައްކަތް ކޮށްފައިވާކަމަށެވެ.

ނާޒިމް އެ މައްސަލައިން، ސަސްޕެންޑް ކުރިކަން އަންގައި އޭނާއަށް ކްރިމިނަލް ކޯޓުން މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ ނާޒިމްގެ އެ ވާހަކަތަކުގެ ސަބަބުން، އާންމުންގެ މެދުގައި ކޯޓާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދޭނެ ކަމަށެވެ. އަދި ނާޒިމް މަސައްކަތްކުރެއްވަނީ އެފަދަ ތަސައްވުރެއް އުފެއްދުމަށް ހިތްވަރު ލިބޭ ގޮތަށް ކަމަށް ކޯޓުން ބުންޏެވެ. އެހެން ކަމުން.މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މަހުލޫފްގެ މައްސަލައިގައި ވަކާލާތު ކުރުން އޭނާއަށް މަނާކުރިކަން އަންގާ ކަމަށް ވެސް ސިޓީގައިވެ އެވެ.

މަހްލޫފްގެ މައްޗަށް ހަތަރު މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގަ އެވެ. މި ހުކުމަކީ އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމަކަށް ނުވާތީ އޭނާގެ ގޮޑި ނުގެއްލޭނެ އެވެ. މީގެ އިތުރުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެފައިވާ މައްސަލައިގައި ވެސް އޭނާގެ މައްޗަށް އަންނަނީ ދައުވާ ކުރަމުންނެވެ.