ވިޔަފާރި

މިނިވަން ދުވަހުގެ ޗުއްޓީއާއެކު ގެސްޓް ހައުސްތައް ފުރިއްޖެ

  • ގިނަ ގެސްޓް ހައުސްތައް ފުލްވެފައި
  • ރޭޓް ހުރީ 500-1500ރ. އާ ދެމެދު
  • ޓޫރިސްޓުންނެކޭ ތަފާތު ނުކޮށް، ހިދުމަތް ދޭ

މިނިވަން ދުވަހުގެ ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކެއް ކަހަލަ ގޮތަކަށް އެކީ ފުލްވެއްޖެ އެވެ.

ގެސްޓް ހައުސްތައް މާކެޓު ކުރުމުގައި ހަރަކާތްތެރިވާ ގެޓް އަވޭސް މޯލްޑިވްސް ޑައިރެކްޓަރު ބިޒްނަސް ޑިވްލޮޕްމަންޓް ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ މިނިވަން ދުވަހާ ދިމާކޮށް ރާއްޖޭގެ ގެސްޓް ހައުސްތަކުގެ 70-80 ޕަސެންޓް ފުލްވެފައިވާ ކަމަށެވެ. މިނިވަން ދުވަހާ އެކު ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ވަނީ ޗުއްޓީއަށް ލިބިފަ އެވެ. އެއާ އެކު ގިނަ އާއިލާތައް ވަނީ މާލެއިން ބޭރަށް ޗުއްޓީ ހޭދަ ކުރަން ގޮސްފަ އެވެ.

"ވަކިވަކިން ހުންނަ ބައެއް ރަށްރަށުގެ ގެސްޓް ހައުސްތަކުގައި ރޫމް ހުރެދާނެ. ބޮޑެތި ތަންތަން ހުރީ ފުލްވެފައި. މާފުއްޓާއި ހުޅުމާލެ، ފަދަ ރަށްރަށުގެ ގެސްޓް ހައުސްތައް ފުލްވެފައިވަނީ،" ސަނީ ވިދާޅުވި އެވެ.

ގެސްޓް ހައުސްތަކުން ވަނީ މިނިވަން ދުވަހާ ދިމާކޮށް ދިވެހިންނަށް ހާއްސަ ރޭޓްތަކެއްގައި ކޮޓަރި ވިއްކާފަ އެވެ. މި ގޮތުން ގެސްޓް ހައުސްތަކުގައި އާއްމު ގޮތެއްގައި ރޭޓް ހުރީ 500-1500ރ. އާ ދެމެދުގަ އެވެ. އަދި ކުޑަ ކުދިންނަށް ހާއްސަ އަގުތަކެއް ދެ އެވެ. މީގެ އިތުރުން ގެސްޓް ހައުސްތަކުގައި އާއްމު ގޮތެއްގައި ޓޫރިސްޓުންނަށް ދޭ މޫދު ކުޅިވަރުގެ ހަރަކާތްތަކުގައި ވެސް ބައިވެރިވުމަށް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅާފަ އެވެ.

ރާއްޖޭގައި 300 އެއްހާ ގެސްޓް ހައުސް ހުރިއިރު، ގިނަ ގެސްޓް ހައުސްތައް އާއްމު ގޮތެއްގައި ހުންނަނީ ފުލްވެފަ އެވެ. މިގޮތުން ރާއްޖޭގައި އެންމެ ގިނަ ގެސްޓް ހައުސް ހުންނަ ކ.މާފުށީގައި 800 އެއްހާ އެނދު އެބަ ހުއްޓެވެ.