ހަބަރު

ޑިޖިޓަލް އެކްސްރޭއާއެކު އައިޖީއެމްއެޗް އާ ހަރުފަތަކަށް!

Jul 26, 2016
1

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން މިދަނީ ސިއްހީ ގޮތުން ކުރިއެރުންތައް ހޯދަމުންނެވެ. މިކަމަށް އަނެއްކާވެސް މިވަނީ ބޮޅެއް އިތުރުކޮށްލާފަ އެވެ. އެއީ ކުރިން މެނުއަލްކޮށް ނަގަމުން ދިޔަ އެކްސްރޭ ޑިޖިޓަލް ވެގެން ދިއުމެވެ. މިއާއެކު ބަލިމީހާ މެޝިނަށް ލުމާއެކު، އެ އެޝިން އަމިއްލަ ޒާތުގައި ޕޮޒިޝަންވެ އެކްސްރޭ ނަގައިދޭ "ޑިޖިޓަލް އެކްސްރޭ" ގެ ހިދުމަތް މިވަނީ ތައާރަފު ކޮށްފަ އެވެ.

ޑިޖިޓަލް އޮޓޯ މެޝިނަކީ ސްމާޓް ސިފަތަކެއް ހިމެނިފައި ވުމާއެކު، އާދައިގެ އެކްސްރޭ މެޝިނަށް ވުރެ އޮޕަރޭޓްކުރަން ފަސޭހަ މަޝިނެއްވެސްމެ އެވެ. މިއީ ރާއްޖެއަށް އަލަށް ގެނައި މިފަދަ ފުރަތަމަ މެޝިނެވެ. ހިދުމަތް ފެށުމަށް ހަ މިލިއަން ރުފިޔާ އެ ހޮސްޕިޓަލުން ވަނީ ހަރަދުކޮށްފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު ހަބީބު ވިދާޅުވީ ޑިޖިޓަލް އެކްސްރޭ މެޝިނުގެ ހިދުމަތާއެކު، އެކްސްރޭ ނެގުމުގެ ހިދުމަތް އަވަސްވެ، ގިނަ ބަޔަކަށް އެ ހިދުމަތް ދެވޭނެ ކަމަށެވެ. މި ހިދުމަތް ތައާރަފްކުރި ނަމަވެސް ކުރިންވެސް ދެމުން އައި އެކްސްރޭގެ ހިދުމަތް ދޭނެ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.

"މިކަހަލަ މެޝިނަކުން ބޮޑަށް ވާ ފައިދާ އަކީ މުވައްޒަފުންނަށް ވެސް ކުރަންޖެހޭ މަސައްކަތް ލުއިވުން. މިސާލަކަށް އާއްމުކޮށް އެކްސްރޭ ނަގާއިރު އެކި ޕޮޒިޝަންތައް ނަގަން އެހެންމީހަކު ބޭނުން ވޭ ހަށިގަނޑު މޫވްކޮށް ކަންތައް ކުރަން، މި މެޝިނުން އެކްސްރޭ ނަގާއިރު މީހާ ކޮންމެ ގޮތަކަށް ހުރި ނަމަވެސް ބޭނުންވާ ތަނެއްގެ އެކްސްރޭ ނަގައިދޭނެ، އެހެންވީމަ ހެލިފެލިވެ އުޅެން އުނދަގޫ ބަލި މީހުންނަށް ވެސް މިއީ ވަރަށް ރަނގަޅު ހިދުމަތަކަށް ވާނެ" ޒީނަތު ވިދާޅުވި އެވެ.

ޑިޖިޓަލް އެކްސްރޭގެ ހިދުމަތް އައިޖީއެމްއެޗުން މިއަދު ތައާރަފްކޮށްފައިވާއިރު، ސިއްހީ ފެންވަރު ދިނުމުގެ ހިދުމަތް ހަރުދަނާކުރުމަށް އެ ހޮސްޕިޓަލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ހޮސްޕިޓަލުގައި ކެތު ލެބެއް ގާއިމްކޮށް ހިތުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.