ވިޔަފާރި

ގެސްޓް ހައުސް ތަކަށް ފަސްލައްކަ ޓޫރިސްޓުން ގެންނަން އަމާޒު ހިފައިފި!

Jul 26, 2016
  • އަހަރަކު 100 މިލިއަން ޑޮލަރު ލިބޭ
  • 2020ގެ ނިޔަލަށް 250 މިލިއަން ޑޮލަރު
  • ރާއްޖޭގައި 300 އަށްވުރެ ގިނަ ގެސްޓް ހައުސް

ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސު ބޭއްވުމުގެ ބޭނުމަކީ ގެސްޓް ހައުސް ތަކަށް 2020 ގެ ނިޔަލަށް ފަސް ލައްކަ ޓޫރިސްޓުން ގެންނައުމުގެ އަމާޒަށް ވާސިލްވުން ކަމަށް މި ހަރަކާތް އިންތިޒާމުކުރާ ގެޓްއަވޭސް މޯލްޑިވްސް އިން ބުނެފި އެވެ.

ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ފުރަތަމަ ބައްދަލުވުން އިންތިޒާމުކުރާ ގެޓް އަވޭސްގެ ޑައިރެކްޓަރު ބިޒްނަސް ޑިވްލޮޕްމަންޓް ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ 500،000 ޓޫރިސްޓުން ގެނައުމަށް ގެސްޓް ހައުސް ކޮންފަރެންސް މުހިންމު ކަމަށާއި، މި ލަނޑުދަނޑި ހާސިލްވާނެކަމުގެ އަންދާޒާ ކުރެވޭ ކަމަށެވެ.

"އިރާދުކުރެއްވިއްޔާ އެ ޓާގެޓަށް ވާސިލްވާނެ. އެ އަދަދަށް ގެނައުމަށް މުހިންމު ކޮންފަރެންސަކަށް މި ބައްދަލުވުން ވާނެ،" ގެސްޓް ހައުސްތައް މާކެޓު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި ސަނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ ގެސްޓް ހައުސްތަކުގައި 5،000 އެނދު އެބަހުރި ކަމަށާއި ނަމަވެސް 2020 ގެ ނިޔަލަށް މި އަދަދު 10،000 އެނދަށް ބަދަލު ވެގެންދާނެ ކަމަށެވެ.

"މިހާރު މި މާކެޓް [ބަޖެޓް] ގެސްޓް ހައުސް މާކެޓުން ރާއްޖެ އަށް އަހަރަކު އާމްދަނީގެ ގޮތުގައި 100 މިލިއަން ޑޮލަރު ލިބޭ. ނަމަވެސް 2020 ގެ ނިޔަލަށް މި އަދަދު 250 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ،" ސަނީ ވިދާޅުވި އެވެ.

ގެސްޓް ހައުސް ކޮންފަރެންސަކީ ގެސްޓް ހައުސްތަކަށް މާކެޓު ހޯދައި ދިނުމާއި މި މާކެޓު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ކޮންފަރެންސުގައި 150 ގެސްޓް ހައުސްއަކުން ބައިވެރިވާއިރު، ރާއްޖެ އާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންވެސް މި ކޮންފަރެންސުގައި ބައިވެރިވެ އެވެ. ގެސްޓް ހައުސް ކޮންފަރެންސުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިނެވެ.

ގެސްޓް ހައުސް ކޮންފަރެންސުގެ ޕާޓްނަރުން:

  • ޓައިޓްލް ޕާޓްނަރު: ބޭންކް އޮފް މޯލްޑިވްސް
  • އިންޝުއަރެންސް ޕާޓްނަރު: އެލައިޑް އިންޝުއަރެންސް
  • މެރިން ޕާޓްނަރު: ހަސަން މެރިން
  • ޓެލެކޮމް ޕާޓްނަރު: ދިރާގު
  • ގެސްޓް ހައުސް ކޮންފަރެންސްގެ ޕާޓްނަރުން
  • ޕްރިންޓިން ޕާޓްނަރު: އެމްސެވަން
  • ޕްރިންޓާ ސަޕްލަޔާ ޕާޓްނަރު: ކޮޕިއާ ޕްލަސް
  • ފިއުލް ޕާޓްނަރު: ފިއުލް ސަޕްލައި މޯލްޑިވްސް
  • ޓީވީ ޕާޓްނަރު: ޕީއެސްއެމް
  • ނިއުސް ޕާޓްނަރު: އަވަސް އޮންލައިން
  • ޓްރެވަލް މީޑިޔާ ޕާޓްނަރު: އެމްވީ ހޮޓެލްސް
  • އެސޯސިއޭޓް ޕާޓްނަރު: އެމްއެމްޕީއާރުސީ
  • އެސޯސިއޭޓް ޕާޓްނަރު: މަޓާޓޯ
  • އޮންލައިން އެންޑޯސިން ޕާޓްނަރު: މީރާ

ގެސްޓް ހައުސް ކޮންފަރެންސް ބާއްވަނީ ސެޕްޓެމްބަރު 24 ވަނަ ދުވަހު އެވެ. ވިލާ ކޮލެޖުގައި މި އިވެންޓް އޮންނާނީ އެއް ދުވަހުގެ މުއްދަތަށެވެ.