ވިޔަފާރި

އެސްޓީއޯގެ ފައިދާއަށް 79 މިލިއަން ރުފިޔާ، ފުރަތަމަ ކުއާޓާއަށް ވުރެ ދަށް

Jul 27, 2016

ސަރުކާރާއި ރައްޔިތުން ހިއްސާވާ، ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިއަހަރުގެ ދެވަނަ ކުއާޓާގައި، 79.10 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ. އެކަމަކު މިއީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު 112 މިލިއަން ރުފިޔާގެ ފައިދާއަށް ވުރެ، 28 ޕަސެންޓް ދަށް އަދަދެކެވެ.

ރާއްޖެއަށް ތެލާއި ބޭސް އެތެރެ ކުރުމުގެ ވިޔަފާރި ކުރާ، އެސްޓީއޯ އަށް މި އަހަރުގެ ދެވަނަ ކުއާޓާގެ ސާފު ފައިދާއަށް 79.10 މިލިއަން ރުފިޔާ ލިބުނު އިރު، އާމްދަނީއަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ވިޔަފާރީގެ ފައިދާގެ ގޮތުގައި 81.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ހިސާބުތަކުން ދައްކާ ގޮތުގައި، ފައިދާ ދަށަށް ދާން މެދުވެރިވީ، ބައެއް އިދާރީ ހަރަދުތައް މިދިޔަ މަހު މައްޗަށް ދިޔުމާއި ފައިނޭންސް ކޮސްޓްތައް ބޮޑުވުމުގެ ސަބަބުންނެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި ކުއާޓަރުގައި އެ ކުންފުނިން 1.3 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮށްފައިވަނީ 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިއެވެ. އެސްޓީއޯ އިން އަންނަނީ އެ ކުންފުނީގެ ވިޔަފާރި އެކި ދާއިރާތަކަށް ފުޅާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.