ހަބަރު

މުޒާހަރާތަކާ ގުޅިގެން ފޮނުވާ ކޮންޓެންޓް ބްރޯޑްކޮމްއިން ބަލަން ފަށައިފި

Feb 19, 2015

މިހާރު ބާއްވަމުންދާ ސިޔާސީ އެއްވުންތައް ކަވަރު ކުރާއިރު ބައެއް ޗެނަލްތަކުން ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކޮންޓެންޓް ހިމެނޭ ކަމަށް ބެލެވޭތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން (ބްރޯޑްކޮމް) އިން އެކަން ބަލަން ފަށައިފި އެވެ.

ބްރޯޑްކޮމް އިން މިފަދަ ގޮތަކަށް އެންގި އިރު މާލޭގައި ކޮންމެ ރެއަކު މުޒާހަރާ ކުރަނީ ޖޭޕީ އާއި އެމްޑީޕީންނެވެ.

ބްރޯޑްކޮމް އިން ބުނީ މިހާރު ބާއްވާ ސިޔާސީ އެއްވުންތަކާ ގުޅިގެން، ބްރޯޑްކާސްޓް މީޑިއާގެ ބައެއް ފަރާތްތަކުގެ ކޮންޓެންޓް ބެލި އިރު ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކޮންޓެންޓް ހިމެނޭ ކަމަށް ބެލެވޭ ކަމަށާއި އެކަން އެކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.

ބްރޯޑްކޮމްއިން ބުނީ ސިޔާސީ އެއްވުންތަކާ ގުޅިގެން، ރާއްޖޭގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ހަގީގަތް އޮޅޭ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް އެދޭ ކަމަށެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވާން އެދޭ ކަމަށެވެ.

".. ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 55 ވަނަ މާއްދާއާ އެއްގޮތަށް ބްރޯޑްކާސްޓް ކުރުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ... މިފަދަ އެއްވުންތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ މީޑިއާގެ ހުރިހާ ފަރާތެއް ވެސް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 54 ވަނަ މާއްދާއާ އެއްގޮތަށް އަމަލުކުރުމަށް ހަނދާންކޮށްދެމެވެ،" ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވެއެވެ.