އަވަސް ވީކެންޑް

މުފީދުގެ ހަޔާތުން ސޮފްހާއެއް، ހިދުމަތާއި ހިތްވަރުގެ ނަމޫނާއެއް

މި ވިޔަފާރީގައި މިހާރު މިއީ ވެރިއެކެވެ. ސަފާރީ ވިޔަފާރީގައި މަޝްހޫރު ނަމެކެވެ. ނަމަވެސް މީގެ އަހަރުތަކެއްގެ ކުރީގައި އޭނާ ފެނުނީ މި ގޮތަކަށް ނޫނެވެ. ޒުވާން ދުވަހުން ފެށިގެން ބުރަ މަސައްކަތް ކުރި އެވެ. އޭނާ ރިސޯޓުގައިވެސް އުޅުނެވެ. ސަރުކާރަށް ވެސް ހިދުމަތު ކުރެވި އެވެ. ސަރުކާރު އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނ އެމްޓީސީސީގައި ވެސް އުޅުނެވެ. މިއީ ދެ ސަފާރީ ބޯޓު ދުއްވާ، "މޯލްޑިވްސް ބޯޓް ކްލަބް" ގެ ވެރިޔާ މުފީދު އަބްދުﷲ އެވެ.

"ސްކޫލް ނިންމާލާފައި ހުރީއެއްނޫން މަސައްކަތަށް ނުކުތީ. ޝިޕިން ޑިޕާޓްމަންޓުގައި ވެސް އުޅުނިން. އޭރު ވެސް މީހުން ލައްވާ އަމިއްލަ އަށް މަސައްކަތް ކުރަމުން ދިޔައީ،" އަވަސް އަށް ދިން އިންޓަވިއުއެއްގައި މުފީދު ވިދާޅުވި އެވެ.

މުފީދު މަސައްކަތުގެ ލިސްޓު ކިޔާނަމަ ލައްކަ ދިގެވެ. އޭނާ ކުރިއަށް ދިއުމަށް ހިތްވަރު ކުރި އެވެ. އުމުރުން ޅަދުވަހު މަސައްކަތް ފަށައިގަތް މުފީދު މިހާރު އެ ހުރީ އުމުރުން ދޮށީ ބޭފުޅެއްގެ ގޮތުގަ އެވެ. މިހާރުގެ ކުދިންނަށް މިސާލެއްގެ ގޮތުގަ އެވެ، އެ ދުވަހު އޭނާ ކުރެއްވި މަސައްކަތުގެ ފޮނި މޭވާ މިއަދު އެދަނީ ލިބެމުންނެވެ.

"އެމްޕީއެލް ސަރަހައްދުން މުދާ ބޭލުމުގެ މަސައްކަތް ވެސް ކުރިން. އެ ދުވަސްވަރު އެ ތަނުގައި މަސައްކަތް ކުރަން އުޅުނު އިރު، އެނގޭ ކޮންމެ ވެސް ދުވަހަކުން މިކަން [އެމްޕީއެލް ސަރަހައްދުގައި] މަސައްކަތް ނުކުރެވިދާނެ ހާލަތެއް ވެސް އަތުވެދާނެކަން. އެގޮތަށް ބަލާފައި މި މަސައްކަތުގައި އުޅުނު ކުދިން ކައިރީގައި ބުނިން ހިނގާށޭ އެހެން ކަމެއް ފަށަން. ކޮންމެ ކުއްޖަކު ވެސް ކަމެއް ފަށަމާ ހިނގާށޭ،" މުފީދު ވިދާޅުވި އެވެ.

މުފީދަށް ސަފާރީ ވިޔަފާރީގެ ތެ ރެއަށް ނުކުމެވުނު ހިސާބަކީ މިއީ އެވެ. އޭނާ އަތުގައި އެއްވެފައި ހުރި ފައިސާ ކޮޅާއެކު ވިސްނުން ރާއްޖޭގެ ބިޔަ ކަނޑުގައި ފަތުރާލެއްވި އެވެ. ބޭނުމަކީ "މުޖައްރިބު" ކަމެއް ކުރުމެވެ. މި ވިސްނުމުގައި 1980 ގެ އަހަރުތަކުގެ ތެރޭގައި ސަފާރީ ބޯޓެއް ބަންނަން ފެށި އެވެ. ފުރަތަމަ ބަނީ ގާތްގަނޑަކަށް ހަތް ކޮޓަރީގެ 60 ފޫޓުގެ "ވައްޓަރު" ސަފާރީ ބޯޓެވެ.

"އަޅުގަނޑުމެންގެ ފެމެލީ ވަރަށް ބޮޑުވާނެ. އެހެންވެ ބޭބެގެ ކައިރީ ބުނިން ހިނގާށޭ ކަމެއް ފަށަން. ސަރުކާރުން ލިބޭ މަދު ލާރިކޮޅުން ގޭގެ ހުރިހާ ކަމެއް މިހާރަކު ހަމައެއް ނުޖެއްސެއޭ. އެހެން ކިޔާފައި ބޭބެ މަސައްކަތް ކުރާ ގޮތަށް އަޅުގަނޑުގެ ލާރިން ސަފާރީއެއް ބނީ. ބޯޓު ބަނދެ އިންޓީރިޔާއާ ހަމައަށް ދިޔަތަނާ އަތުގައި އެއްކޮށްފައި ހުރި ފައިސާ ހުސްވެއްޖެ. އޭރު ބޭންކްތަކާ ވެސް ރައްޓެއްސެއް ނޫން. ފައިސާ ލިބޭނެ ގޮތެއް ވެސް ނޯވެ!؟،" ވިޔަފާރި ފަށަން ކުރި މަސައްކަތުގައި ބުރަކި ޖެހުނު ހިސާބު މުފީދު ވިދާޅުވެ ދެއްވި އެވެ.

މުފީދު ސަފާރީ ވިޔަފާރި ފެށުމުގައި މާލީ ދަތިކަން ހުރަސް އެޅި ނަމަވެސް އަޒުމް ދުލެއް ނުކުރެ އެވެ. ދެން މި ހިސާބުން އޭނާ ހޯދަމުން ދިޔައީ ބޭރުގެ އޮޕަރޭޓަރެކެވެ. ބޭނުމަކީ ރާއްޖޭން ފައިސާ ލިބޭނެ ގޮތެއް ނެތުމުން ބޭރުގެ ފައިސާވެރިއަކާ ގުޅިގެން ނަމަވެސް ހުވަފެނުގައި ހަގީގީ ކުލަ ޖެއްސުމެވެ. މި އަޒުމުގައި ހުއްޓައި ނަސީބު އަތުގައި ހިފި އެވެ. އޭނާގެ އަތުގައި އިޓަލީގެ އޮޕަރޭޓަރަކު "ހިފީއެވެ"

"އޭނައަކީ ޑައިވް މާސްޓަރެއް ރާއްޖޭގައި އުޅޭ. އޭނާ ދިނީ 25،000 ޑޮލަރު ދީފައި ބުނީ ބޯޓު ނިންމާށޭ. އެ ފައިސާއިން ބޯޓު ނިންމާލީ. ނަމަވެސް އޭރު އެކަށިގެންވާ ވަރަށް އަތުގައި ފައިސާ ނެތުމުން ބޯޓުގައި އެޅީ ބާ އިންޖީނެއް. މި އިންޖީނުގެ ގިޔަރުގައި ވަރަށް މައްސަލަ ޖެހޭ. މިކަންވީ ބޮޑު މައްސަލައަކަށް. މިހެންވެ، ކުރިއަށް ދިއުމަށް ހުރި މަގުތައް ގާތްގަނޑަކަށްހެން ބަންދުވީ،" ވިޔަފާރީގައި ދިމާވި ބައެއް ހުރަސްތައް ހިއްސާ ކުރައްވަމުން މުފީދު ވިދާޅުވި އެވެ.

އަމިއްލަ ފައިމައްޗަށް ތެދުވާން ކުރި ހިތްވަރު، ދެގުނަ އަށް އިތުރު ކުރަން ޖެހޭކަން މި ހާދިސާ އިން އޭނާ ދެނެގަތެވެ.

"ބޯޓު ކުއްޔަށް ހިފި މީހުން މައްސަލަ ޖެއްސީ ބޯޓު ނު ދުއްވިގެން. އެހެންވެ ބޯޓު ގެނެސް މާލެ ފަޅުގައި ބޭއްވީ."

މި ހިސާބުން ދެން މުފީދު ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ އަނެއްކާވެސް ދިޔއީ އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާށެވެ. ބޭނުމަކީ ބޯޓުގެ ގިޔަރު ބަދަލު ކުރަން ބޭނުންވާ ފައިސާ އެތަނުގައި މަސައްކަތްކޮށް އެއްކުރުމެވެ. އެކަން އޭނާ ކާމިޔާބު ކުރި އެވެ. ފައިސާ އެއްކޮށްގެން ގިޔަރު ފޮށި ބަދަލު ކުރީ އެވެ. މިއީ މުފީދުގެ މަސައްކަތުގެ ގިޔަރު ވެސް ދެގުނަ އިތުރު ކުރަން ލިބުނު ފުރުސަތެއް ކަމަށް ބެލި އެވެ.

"މަސައްކަތް ފެށިތަނާ ފެންނަން ފަށައިފި ކުރި އަރައިގެން ދާތަން. މި ހިސާބުން އެނގުނީ ބޯޓު ކުޑަ ވަމުން ދާކަން. ގިނަ ގެސްޓުން އަންނަ ފެށީމަ ސަފާރީ ކުޑަވީ. އެހެންވެ އިތުރު އެއްޗެއް ބަނުމުގެ ވިސްނުން ގެންގުޅެން ފެށީ. އެހެންވެ ބޭބެއާ ވާހަކަ ދެއްކީމަ ބޭބެ ދެކޮޅު ހެދި. ސަބަބަކީ ކުރިން ބޯޓު ބަންނަން އުނދަގޫތަކާ ދިމާވުމުން. އެހެންވެ ބޭބެ ބައިވެރިއެއް ނުވީ،" މުފީދު ވިދާޅުވި އެވެ.

ބޭބެ ބައިވެރި ނުވިނަމަވެސް މުފީދު އަމިއްލަ އަށް އިތުރު ސަފާރީއެއް ބަންނަން ފެށި އެވެ. ކޮންމެ ސީޒަނެއްގައި ލިބޭ ފައިސާކޮޅު ދެ ބެއިންގެ މެދުގައި ހަމައަށް ދެ ބައި ކޮށްލަނީ އެވެ. މި ފައިސާގެ ތެރެ އިން މުފީދަށް ލިބޭ ބައި އޭނާ ރައްކާ ކުރަނީ ހުވަފެނީ ސަފާރީ ބަންނާށެވެ. އެ ފައިސާ އެއްކޮށްގެން އާ ސަފާރީއެއް ބަންނަން ފެށި އެވެ. ފުރަތަމަ ސީޒަންގައި ލިބުނު ފައިސާ އިން ސަފާރީގެ ފަށަން ދަމާލައި، ޖެހުނީ އެންމެ 12 ވަރަށް މަޑުލެވެ. އަނެއްކާ ވެސް ފައިސާ ހުސްވީ އެވެ.

" އަނެއްކާ ވެސް މީހަކު ހޯދަން ފެށީ. މިގޮތުން އަނެއްކާ ވެސް އިޓަލީ މީހަކާ ދިމާވީ، އޭނާ ގޮސް ބަލައިލީ ބަންނަމުން ދިޔަ ސަފާރީ ބަލާފައި ބުނީ، ކޮބާހޭ ކޮންޑިޝަންސް ތަކަކީ؟ ހިނގާށޭ ކުރަން. ދެން އޭނާ އެޑްވާންސް ފައިސާ ދޭން ފެށީ. [އިޓަލީ މީހާ] ދިނީ 80،000 ޑޮލަރު. މި ފައިސާ އިން ބޯޓު ނިންމާލީ،" އެމްވީ އީގަލްރޭ ސަފާރީ ބަންނަން ހުރި މަސައްކަތް މުފީދު ވިދާޅުވި އެވެ.

މި ދުވަސްވަރު މުފީދުގެ މަސައްކަތުން ސަފާރީ އުޅަނދު ފަހަރަށް "ޔަންމާ އިންޖީނު" ތައާރަފު ކުރެވި އެވެ. އެ ދުވަސްވަރު ސަފާރީތަކުގައި ޔަންމާ އިންޖީނެއް ނާޅަ އެވެ. ސަބަބަކީ މި އިންޖީނުގެ އަޑުގަދަ ވާނެ ކަމަށް ގަބޫލު ކުރަމުން ދިއުމެވެ.

މި ހިސާބުން މުފީދު ވިޔަފާރީގެ މުސްތަގުބަލަށްޓައި އިތުރު ސަފާރީއެއް އަނެއްކާ ވެސް ބަނީ އެވެ. މިއީ "މޯލްޑިވްސް ބޯޓް ކްލަބް" ގެ ފެށުން އައި ގޮތެވެ. މި މަސައްކަތް އޭނާ ކުރީ ދިވެހި ޑައިވް މާސްޓަރަކާ ގުޅިގެންނެވެ. މީގެ އިތުރުން "ޑައިވް އެންޑް ޑައިވް" ގެ ނަމުގައި ވެސް ކުންފުންޏެއް އުފެއްދި އެވެ.

" ނަމަވެސް ޑައިވް މާސްޓަރު ބަލިވެގެން ޑައިވް އެންޑް ޑައިވް ކުންފުނި އުވާލީ،" މުފީދު ވިދާޅުވި އެވެ.

މިއީ މުފީދުގެ އަމިއްލަ އަތް މައްޗަށް މުޅި ވިޔަފާރި އެރި ހިސާބެވެ. މި ހިސާބުން އަނެއްކާ ވެސް އާ ސަފާރީއެއް ބަނެވެ. މިއީ ޖާގަ ތަނަވަސް ސަފާރި އެކެވެ. މިހާރު "ސްޓިންގްރޭ " އާއި "އަޑޯރާ" ގެ ނަމުގައި ދެ ސަފާރީ އޭނާ ހިންގަ އެވެ. ނަމަވެސް މި ދާއިރާގައި އޭނާއަށްވެސް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ ސަފާރީތަކަށް ރަނގަޅު ބަނދަރެއް ނުލިބުމެވެ. އެކަމަށް އޭނާވެސް އެހެން ސަފާރީވެރިންނެކޭ އެއްގޮތަށް ހުރިހާ ސަރުކާރެއްގެ ދޮރުގައި ޓަކިދީފި އެވެ.

ގިނަ، ހުރަސްތަކާ ކުރިމަތިވި ނަމަވެސް ބުރަ މަސައްކަތުން މުފީދު މި ވަނީ ކާމިޔާބު ހޯދާފަ އެވެ. މިއަދު ސަފާރީ ވިޔަފާރީގައި މުފީދު ވަނީ ހުރިހާ ކަމެއް ހާސިލްކޮށްފަ އެވެ. މި ވިޔަފާރިން ލިބުނު ތަނަވަސްކަމުން ރާއްޖޭން ބޭރަށް ކުދިން ފޮނުވައިގެން ކިޔަވައި ދީފި އެވެ. ކުޑަ ސަފާރީ އަކުން އުފަންކުރި ވިޔަފާރިން އާއިލާއާއެކު އުޅެމުން ދަނީ އުފާވެރި ދިރިއުޅުމެއްގަ އެވެ. މިއީ މުފީދުގެ ހިތުމަތާއި ހިތްވަރުނޫން ދެން ކޮން ކަމެއް ހެއްޔެވެ؟