ވިޔަފާރި

ވަން އެންޑް އޮންލީގެ ދެ ރިސޯޓެއް މެކްސިކޯގައި ހުޅުވަނީ

Feb 19, 2015

ރާއްޖޭގައި ރިސޯޓް ހިންގަމުން ގެންދާ ވަން އެންޑް އޮންލީ ބްރޭންޑުގެ ހިތްގައިމު ދެ ރިސޯޓެއް މެކްސިކޯގައި ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.

ލަގްޒަރީ ރިސޯޓް ތަރައްގީ ކުރުމުގައި މަޝްހޫރު ކެޒްނާ އިންޓަނޭޝަލް ކުންފުންޏާއި މެކްސިކޯގެ ބީކޭ ޕާޓްނަރު ގުޅިގެން ތަރައްގީ ކުރާ ދެ ރިސޯޓު ހުޅުވަނީ "ވަން އެންޑް އޮންލީ މަންދަރީނާ" އާއި "ވަން އެންޑް އޮންލީ ސެންޓަ މެރީނާ" އެވެ.

ވަން އެންޑް އޮންލީ މަންދަރީނާ އަކީ 145 ވިލާގެ ރިސޯޓެކެވެ. ބީޗް ފްރޮންޓަށް ވާގޮތަށް ހަދާ މި ރިސޯޓުގައި ޕްރައިވެޓް ވިލާތައް ވެސް ހުރެ އެވެ. މި ރިސޯޓު ތަރައްގީކުރާ ސަރަހައްދަކީ މެކްސިކޯގެ ބިޔަ ޖަންގަލި ހިމެނޭ ސަރަހައްދެކެވެ. އެހެންކަމުން މި ރިސޯޓުގެ ކޮޓަރިތައް ފަރުމާކޮށްފައިވަނީ ގަސްތަކުގެ ފިނިކަމާއި ފެހިކަން ޓޫރިސްޓުންނަށް އިހުސާސް ކުރެވޭ ގޮތަށެވެ.

ވަން އެންޑް އޮންލީ ސެންޓަ މެރީނާ ރިސޯޓުގައި 75 ލަގްޒަރީ ވިލާ ހުރެ އެވެ. މި ރިސޯޓު ތަރައްގީކުރަނީ 1200 އެކްޓަރުގެ ބޮޑު ސަރަހައްދެއްގަ އެވެ. މި ދެ ރިސޯޓު ދެ އަހަރުތެރޭގައި ހުޅުވާނެ ކަމަށް ކޭޒްނާ ކުންފުނިން ބުނެ އެވެ.

ވަން އެންޑް އޮންލީ ބްރޭންޑުން ރާއްޖޭގައި ހިންގަމުން ދަނީ ރީތިރަށް ރިސޯޓެވެ. އެ ކުންފުނިން ގިނަ ގައުމުތަކެއްގައި ރިސޯޓު ހިންގަ އެވެ.