ވިޔަފާރި

ހދ. ގައި ހަދާ ފުރަތަމަ ރިސޯޓަށް ފައިސާ ހަމަޖެހި މަސައްކަތް އަލުން ފަށަނީ

  • ރިސޯޓަށް 40 މިލިއަން ޑޮލަރު ހަރަދު ވެއްޖެ
  • އަންނަ އަހަރު ނާގޯށި ރިސޯޓު ހުޅުވޭނެ
  • މަސައްކަތް ލަސްވީ ފައިސާގެ މައްސަލައެއްގައި

ހދ. އަތޮޅުގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓު ކަމަށްވާ "ނާގޯށި" ގެ މަސައްކަތްކުރާ ކުންފުންޏަށް ބޭނުންވާ ފައިސާ ދިނުމާއެކު ހުއްޓިފައިވާ ރިސޯޓުގެ މަސައްކަތް އަލުން ފަށަން ތައްޔާރު ވެއްޖެ އެވެ.

ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ސަރުކާރުގެ ޓޫރިޒަމް ކުންފުނި އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ވިދާޅުވީ އެ ކުންފުންޏަށް ރިސޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ދީފައިވާ ނާގޯށި ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވާ ރަޝިޔާގެ ތްރީކޭ އިންޓަނޭޝަނަލުން ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނާގޯށީގައި އަލުން މަސައްކަތް ފެށުމަށް ބޭނުންވާ ތަކެއްޗާއި މީހުން އެ ރަށަށް ގެންދާނެ ކަމަށެވެ. އަދި ރިސޯޓުގެ މަސައްކަތް ލަސްވެގެން ދިޔައީ ފައިސާ ހަމަނުޖެހިގެން ކަމަށާއި ނަމަވެސް މިހާރު ފައިސާގެ ހުރިހާކަމެއް ހަމަޖެހިފައިވާކަން އެނގިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އާންމުކުރި މާލީ ރިޕޯޓުގައިވާ ގޮތުން ޑިސެމްބަރު 5، 2007 ގައި ރިސޯޓެއް ތަރައްގީ ކުރަން ސަރުކާރުން ކުއްޔަށް ދީފައިވާ ނާގޯށީގައި ތްރީކޭ އިންޓަނޭޝަނަލް ކުންފުނިން ތަރައްގީ ކުރަމުން ގެންދާ މި ރިސޯޓުގެ ކޮންސްޓްރަކްޝަންގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. މިގޮތުން ރިސޯޓުގެ 50 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ބުނެފައިވެ އެވެ. މި ރިސޯޓަކީ 600 އެނދުގެ ރިސޯޓެވެ.

ނިޔާޒު ވިދާޅުވީ ނާގޯށީގައި ތަރައްގީކުރާ ރިސޯޓްގެ މަސައްކަތް ހުއްޓުމަކަށް އައިއިރު އެރަށަށް 40 މިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށެވެ.

އެމްޓީޑީސީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ތްރީކޭ އިންޓަނޭޝަލްއިން ތަރައްގީ ކުރާ ފަސްތަރީގެ މި ރިސޯޓުގެ މަސައްކަތް ހަލުއި ކުރުމުގެ ގޮތުން ބަރުހޭންގެ ތަޖުރިބާކާރު ކުންފުންޏަކާއެކު ވަނީ ޕާޓްނާޝިޕެއް ވެސް ހަދާފަ އެވެ. މިގޮތުން މި ރިސޯޓު އަންނަ އަހަރުގެ މެއި މަހު ހުޅުވާނެ އެވެ.