ހަބަރު

ބޮން ގޮއްވައިިގެން މަރުވި މޮސްކޯ ޖަލީލަށް އެހީވި މީހާ ކުށަށް އިއުތިރާފްވެއްޖެ

ޕާކިސްތާނުގެ ލާހޫރުގައި ހުންނަ އެ ގައުމުގެ ޖާސޫސީ އިދާރާ އަށް 2009 ވަނަ އަހަރު ބަޔަކު އަމިއްލަ އަށް މަރުވެގެން ދިން ހަމަލާގައި ބައިވެރިވި ދިވެއްސެއް ކަމަށްވާ އަލީ ޖަލީލަށް އެ ކަމުގައި ބައިވެރިވުމަށް އެހީތެރިވި އެމެރިކާ މީހާ ކުށަށް އިއުތިރާފުވެއްޖެ އެވެ.

ގާތްގަނޑަކަށް 30 މީހުން މަރުވެ 300 ވަރަކަށް މީހުން ޒަހަމްވި އެ ހަމަލާ އަށް މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިވެދިން ކަމަށް އެއްބަސްވެފައި ވަނީ ރިއާޒް ގާދިރް ޚާން، 50، އެވެ. އޭނާ ކުށަށް އިއުތިރާފް ވުމާ އެކު ޕްރޮސިކިއުޓަރުންނާއި ދިފާއީ ވަކީލުން ވަނީ 87 މަސް ދުވަހުގެ ޖަލު ހުކުމަކަށް އެއްބަސްވެފަ އެވެ. ނަމަވެސް އަދި ހުކުމް ކުރާނީ ޖޫން މަހު އެވެ.

މެއި 27، 2009 ގައި ދިން ހަމަލާގައި އަލީ ޖަލީލް ވަނީ މަރުވެފަ އެވެ. އަލީ ޖަލީލްގެ އިތުުރުން އެހެން މީހަކު ވެސް ހަމަލާގައި ބައިވެރިވެ އެވެ. އެ މީހުން ހަމަލާ ދިނީ ގޮވާތަކެތި ހަރުކޮށްފައިވާ ޓްރަކެއްގައި ގޮސް ބަޑިން ހަމަލާ ދެމުން، ޖާސޫސީ އިދާރާގެ ގޭޓުން ވަދެ ޓްރަކް ގޮއްވާލައިގެންނެވެ. ހަމަލާ ދިނުމުގެ ކުރިން އަލީ ޖަލީލް ރެކޯޑްކޮށްފައިވާ ވީޑިއޯއެއް އަލްގާއިދާ އިން ފަހުން އާންމުކޮށްފައިވެ އެވެ. އެ ވީޑިއޯގައި ޖަލީލް ތަމްރީން ހަދާ ތަން ދައްކަ އެވެ. އަދި ހަމަލާގެ ޒިންމާ ވެސް އުފުލަ އެވެ.

އަލީ ޖަލީލަށް އެހީވި އެމެރިކާ މީހާ ވަނީ އަލީ ޖަލީލާ އީމެއިލް މެދުވެރިކޮށް އެކި މުއާމަލާތްތައް ކޮށްފައި ކަމަށް އެފްބީއައިގެ ދައުވާގައިވެ އެވެ. ރިއާޒް ވަނީ ޖަލީލާއި އެހެން ބަޔަކަށް 2005 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ގުޅުން ބާއްވަމުން އައިސްފައިވާ ކަމަށް ދައުވާގައިވެ އެވެ. އަލީ ޖަލީލް 2008 ވަނަ އަހަރު ވަނީ ޕާކިސްތާނަށް ދާން ބޭނުންވާ ކަމަށް ބުނެ އީމެއިލަކުން އެކަން ޚާން އަންގާފައި ކަމަށާއި އަލީ ޖަލީލަކީ ދިވެހިރާއްޖޭގައި އޮންނަ ކުޑަ ޖަމާއަތެއްގެ މީހެއް ކަމަށް ވެސް ދައުވާގައިވެ އެވެ.

އެފްބީއައި އިން ބުނެފައިވާ ގޮތުގައި އަލީ ޖަލީލް ނިސްބަތްވާ ޖަމާއަތުގެ މީހުން ތަމްރީން ހޯދަން ޕާކިސްތާނަށް ދާން އުޅެނިކޮށް ހައްޔަރުކޮށް ޑީޕޯޓްކޮށްފައި ވެސް ވެ އެވެ.

ދައުވާގައި ބުނެފައި ވަނީ ސިއްރުން ޕާކިސްތާނަށް ވަދެވޭނެ ގޮތް ޖަލީލަށް ކިޔައިދީފައި ވަނީ ޚާން އެވެ. އަދި 2،500 ޑޮލަރު ބޭނުންވާ ކަމަށް 2008 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަލީ ޖަލީލް ބުނުމުން އެމެރިކާގެ ލޮސް އެންޖެލިސްގައި ހުރި މީހަކަށް ގުޅައިގެން އެކަން ހަމަޖެއްސީ ވެސް ޚާން ކަމަށްވެ އެވެ. ނަމަވެސް ޖެހިގެން އައި މަހު ފައިސާ ލިބުނު އިރު ޖަލީލަށް ވަނީ ޓްރެއިނިން ކޭމްޕަށް ވަދެވޭގޮތް ވެފައި ކަމަށް ބުނެ ފައިސާގެ ބޭނުމެއް މިހާރު ނެތް ކަމަށް އީމެއިލް އަކުން ޚާން އަށް އަންގާފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ. ނަމަވެސް ފައިސާ އަނބުރާ ބޭނުން ނުވާ ކަމަށް ބުނެ، ރާއްޖޭގައި ތިބި ޖަލީލްގެ ދެ އަނބިންނަށް އެ ފައިސާ ބޭނުންކުރެވިދާނެ ކަމަށް ޚާންގެ މެއިލްއެއްގައި ބުނެފައިވާ ކަމުގައި ދައުވާގެ ލިޔުންތަކުން ހާމަވެ އެވެ.

ހަމަލާގައި ޖަލީލް މަރުވުމުން، އެމެރިކާގައި ހުންނަ ފިހާރައެއް މެދުވެރިކޮށް ޖަލީލްގެ އަނބިންނަށް 750 ޑޮލަރު ޚާން ފޮނުވި ކަމަށް ވެސް އެފްބީއައިން ބުނެފައިވެ އެވެ.