ހަބަރު

ޖާނުން ފިދާވެގެން ވެރިކަން ވައްޓާލާނެ ކަމަށް ބުނި މައްސަލަ ފުލުހުން ބަލަން ފަށައިފި

Feb 19, 2015
3

ޖާނުން ފިދާވެގެން ވެސް ވެރިކަން ވައްޓާލާނެ ކަމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގައި ބުނި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ އެއްވުމުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެ އެއްވުމުގައި ބައިވެރިވި މީހަކު ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ޖާނުން ފިދާވެގެން ވެސް މިހާރު އޮތް ސަރުކާރު ވައްޓާލާނެ ކަމަށް އެ މީހާ އިންޒާރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން މިހާރު ބަލަމުންދާ ކަމަށެވެ. އަދި އެފަދަ އެއްވުންތަކުގައި ގާނޫނާ ޚިލާފް އަމަލުތައް ނުހިންގުމަށާއި އެފަދަ އަމަލުތައް ހިންގާ ނަމަ ޖިނާއީ ތަހުގީގު ހިންގާނެކަމުގެ އިންޒާރު ވެސް ފުލުހުން ދިނެވެ.

ސަރުކާރާ ދެކޮޅަށް އެމްޑީޕީ އާއި ޖޭޕީ ގުޅިގެން ބާއްވާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އަންގާރަ ދުވަހުގެ ރޭގެ މުޒާހަރާގައި އެގޮތަށް ގޮވާލީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެމްބަރު ޒުހުރާ އެވެ.