ހަބަރު

ކޮމަންވެލްތްގެ ހާއްސަ މަންދޫބު ރާއްޖެ ވަޑައިގެންފި

Jul 31, 2016
3

ސަރުކާރުން އެދިގެން، ކޮމަންވެލްތްގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ހާއްސަ މަންދޫބު، ވިލީ މުޓުންގާ މިއަދު ރާއްޖެ ވަޑައިގެންފި އެވެ. މިއީ މިދިޔަ މަހު މަގާމަށް ހަމަޖެއްސި ފަހުން އޭނާ ރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އޭނާ މިއަދު ރާއްޖެ ވަޑައިގަތުމުން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން، އޭނާއަށް މަރުހަބާ ދެންނެވީ، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ، އިބްރާހިމް ޝަހީބެވެ. ފޮރިން މިނިސްޓްރީ އިން ބުނީ މުތުންގާގެ މި ދަތުރުފުޅަކީ ސަރުކާރުގެ ދައުވަތަކަށް އޭނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އޭނާގެ މި ދަތުރުފުޅަކީ ފަސް ދުވަހުގެ ދަތުރުފުޅެއް ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

އެހެން ނަމަވެސް އޭނާގެ ދަތުރުފުޅުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ދާދިފަހުން ކެންޔާގެ އުއްތަމަ ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވި މުތުންގާ ރާއްޖޭގެ ހާއްސަ މަންދޫބަކަށް ކޮމަންވެލްތުން ހަމަޖެއްސީ މިދިޔަ މަހުގެ ތެރޭގަ އެވެ.

މުތުންގާ ވިދާޅުވެފައިވާ ގޮތުގައި އޭނާގެ މަސައްކަތަކަށް ވާނީ، ރާއްޖޭގެ ސިޔާސީ ފަރާތްތައް އެއްގަލަކަށް އަރުވައި، ސިޔާސީ ވެރިންގެ މެދުގައި ވާހަކަ ދެއްކޭނެ ފަދަ މާހައުލެއް ގާއިމްކޮށްދިނުމެވެ. އަދި މިނިވަން އިންސާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭނެ ފަދަ ރިޔާސީ އިންތިހާބެއް 2018 ގައި ރާއްޖޭގައި ބޭއްވުމަށް އެހީތެރިވެދިނުމަކީ ވެސް އަމާޒެއް ކަމަށް މުތުންގާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ޖުޑިޝަރީ އާއި އިންސާނީ ހައްގުތަކުގެ ކަންކަން ކުރިއެރުވައި ތަހުޒީބު ޑިމޮކްރަސީއެއް ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފެށުމަށް ކޮމަންވެލްތްގެ ހާއްސަ މަންދޫބެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން އެވެ.