ހަބަރު

ހައިކޯޓް ކައިރިއަށް އެއްވާން ގޮވި ދެ މީހަކު ހައްޔަރުކޮށްފި

Feb 19, 2015
1

ހައިކޯޓް ކައިރިއަށް އެއްވާން ގޮވާލަމުން ދިޔަ ބަޔަކު ހައްޔަރުކޮށް އެ މީހުން ދުއްވި ޕިކަޕް ގެންގޮސްފި އެވެ.

މިއަދު 11:30 އެހަކަންހާއިރު ޕިކަޕް ހުއްޓުވާފައި ވަނީ މަޖީދީމަގު އުރީދޫ މައި އޮފީސް ހިމެނޭ ސަރަހައްދުންނެވެ. އެ ޕިކަޕްގައި އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވަމުން ދިޔައީ ހައިކޯޓް ކައިރިއަށް އެއްވެ އަޑު އުފުލުމަށެވެ.

ޕިކަޕް ހުއްޓުވާ ހައްޔަރުކޮށްފައި ވަނީ އެމްޑީޕީ އާއި ޖޭޕީގެ ހަރަކާތްތަކަށް ގޮވާލަން ޕިކަޕްގައި އަޑުގަދަކުރާ ހިފައިގެން އުޅޭ އީގަލް ޝަރީފާއު އަބްދުﷲ ރަޝީދެވެ. މީގެ ތެރެއިން އީގަލް ޝަރީފަކީ ޑީއާރްޕީގެ އެކްޓިވިސްޓެކެވެ. ރަޝީދަކީ އެމްޑީޕީގެ އެކްޓިވިސްޓެކެވެ.

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށް ޕިކަޕް ހުއްޓުވީ އެއްވުން މަނާ ސަރަހައްދެއް ކަމަށްވާ ހައިކޯޓް ކައިރިއަށް މީހުން އެއްވާން ތަކާރުކޮށް ގޮވަމުންދާތީ އެކަން ހުއްޓައިލުމަށް އެކި ފަހަރުމަތިން ފުލުހުން އެދުމުން ހުއްޓައި ނުލުމުން ކަމަށެވެ.

ހައިކޯޓް ކައިރިއަށް މީހުން ދިއުމުން އެމްޑީޕީން ވެސް ވަނީ ގޮވާލާފައެވެ. އެއީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރު ކުރި އަމުރު ހައިކޯޓްގައި އިސްތިއުނާފު ކުރި މައްސަލައިގައި އަޑު އެހުން ކޯޓްގައި ހިނގާ ވަގުތާ ދިމާކޮށެވެ. ނާޒިމްގެ ޝަރީއަތް އޮތީ 1:30 ގައެވެ.