ރައްޔިތުންގެ މަޖިލިސް

އާންމު ވޯޓުން ކައުންސިލް ރައީސާއި ނައިބު އިންތިހާބުކުރާ އިސްލާހު ބަލައިގެންފި

އާންމު ރައްޔިތުންގެ ތެރޭގައި ނަގާ ވޯޓަކުން ކައުންސިލްތަކުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރަން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ކޯލިޝަން ޕާޓީ އެމްޑީއޭގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވެވި މި އިސްލާހު ބަލައިގަތުމަށް 42 މެންބަރުން ވޯޓުދެއްވި އިރު 22 މެންބަރަކު ވޯޓް ދެއްވީ ބިލު ބަލައިގަންނަން ނުފެންނަ ކަމަށެވެ. ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުން ނުވާ ކަމަށް ވޯޓު ދެއްވި ދެ މެންބަރަކު ތިއްބެވި އެވެ.

ރައްޔިތުންގެ މެދުގައި ނެގޭ ވޯޓަކުން ކައުންސިލްގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރަން އެ ބިލަށް އިސްލާހު ހުށަހެޅި ސަބަބު ބަޔާން ކުރައްވަމުން އާމިރު ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ފައިދާ ކުރާ ނަތީޖާ ހާސިލް ކުރާ މިންގަނޑުތައް ގާއިމްވެފައިވާ ނިޒާމެއް ކަމަށާއި އެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ބޮޑަށް އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކި ވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންނަކީ އެ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ބައެއް ގޮތުގައި އޮތުމަކީ ޑިމޮކްރަސީގެ އެންމެ ފުރިހަމަ އުސޫލު ނޫން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ސީދާ ވޯޓަކުން ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ބައިވެރިވުމަކާ އެކު އެކުލަވާލެވޭނެ އެންމެ ފުރިހަމަ ކައުންސިލެއް ގާއިމް ކުރެވޭނެ ގޮތް ކަމުގައި ދެކެ ވަޑައިގަންނަވާ ކަމަށެވެ.

އާމިރު މި އިސްލާހު ހުށަހަޅާފައިވާ އިރު މިހާރު ކައުންސިލްތަކުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރަނީ އިންތިހާބުވެ ވަޑައިގަންނަވާ ކައުންސިލަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.