ހަބަރު

ބާލުސްކޯނީ ގުޅުން ހިންގި ކަމަށް ބުނާ ޒުވާނާއަށް ބޮޑު ހަރަދުކޮށް ރާއްޖެއަށް ފޮނުވި

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ ގުޅުން ހިންގި ކަމަށް ބުނާ 18 އަހަރުން ދަށުގެ ޒުވާނާ އަށް ބޮޑެތި ހަރަދުތައް ކޮށްފައިވާ ކަމަށާއި އެ ފައިސާ އިން ދިވެހިރާއްޖެ އާއި މެކްސިކޯ އަދި ދުބާއީގައި ޗުއްޓީ ހޭދަކުރި ކަމަށް ޕްރޮސިކިއުޓަރުން ތުހުމަތުކުރައްވައިިފި އެެވެ.

އިޓަލީގެ ޕްރޮސިކިއުޓަރުން ވިދާޅުވަނީ މޮރޮކޯ އަށް އުފަން ކަރީމާ އަލް މަހްރޫގް (ރޫބީ) އަށް 18 އަހަރު ނުވަނީސް އޭނާއާ އެކު ގުޅުން ހިންގި ކަމަށް ބުނެ ބާލުސްކޯނީގެ މައްޗަށް ކުރި ދައުވާގައި ހެކިބަސް ދޭން ތިބި ވަރަށް ގިނަ އަންހެނުން ބޮޑެތި ހޭދަކޮށް، އެކި ގައުމުތަކަށް ޗުއްޓީ އަށް ފޮނުވި ކަމަށެވެ. އެގޮތުން 21 އަންހެނަކު ރާއްޖެ އާއި މެކްސިކޯ އަދި ދުބާއީ އަށް ފޮނުވި ކަމަށް ބުނެ އެވެ.

މިހާރު އުމުރުން 21 އަހަރު ވެފައިވާ ރޫބީ އަށް ރާއްޖޭގެ އިތުުރުން އެހެން ބައެއް ގައުމުތަކުގައި ޗުއްޓީ ހޭދަކުރުމަށް ފޮނުވި ކަމަށާއި އޭރު މަހަކު 15000 ޔޫރޯ ބާލުސްކޯނީގެ އެކައުންޓެންޓުގެ އަމިއްލަ އެކައުންޓުން ފޮނުވާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މިގޮތަށް ކުރި ހަރަދުގެ ތެރޭގައި ފައިވާނާއި އަތްދަބަސް ފަދަ ތަކެތި ގަނެދިނުން ފަދަ ކަންކަން ވެސް ކޮށްފައިވާ ކަމަށްވެ އެވެ. އެންމެ ފަހުން ރޫބީ އަށް ފައިސާ ދިނީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށް ވެސް ބުނެފައިވެ އެވެ.

ރޫބީ މެކްސިކޯ އާއި ދުބާއީގައި ޗުއްޓީ ހޭދަކުރި އިރު ނަގާފައިވާ ފޮޓޯތަކެއް މީގެ ކުރިން އާންމުވެފައިވެ އެވެ.

އިޓަލީގެ ބޮޑުވަޒީރުކަން ތިން ފަހަރު ކުރައްވާފައިވާ ބާލުސްކޯނީ ރޫބީއާ އެކު ގުޅުން ހިންގި ކަމަށް ބުންޏަސް ރޫބީ އެ ތުހުމަތަށް އިންކާރު ކުރެ އެވެ. އަދި ބާލުސްކޯނީ އަންހެން ކުދިންނާ އެކު ބޭއްވި ޕާޓީތަކަށް ރޫބީ ދިޔަ ކަމުގައި ވިޔަސް އޭނާ އަށް އޭރު 18 އަހަރު ނުވާކަން ބާލުސްކޯނީ އަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރޫބީގެ އިތުރުން ބާލުސްކޯނީގެ ޕާޓީކުރުންތަކުގައި ބައިވެރިވި ބައެއް އަންހެނުންގެ ހެކިބަހަށް ހުރަސް އަޅާފައިވާ ކަމަށް ކުރާ ތުހުމަތާ އެކު ބާލުސްކޯނީގެ މައްޗަށް، ހެކި ފޮރުވުމާއި ދޮގު ހެކި ދިނުން ފަަދަ ކަމެއްގައި ދައުވާ ކުރުން އެކަށީގެންވެ އެވެ. ޕްރޮސިކިއުޓަރުން ވިދާޅުވަނީ ހެކި ބަސް ދީފާނެތީ އެކި ގައުމުތަކަށް ފޮނުވާލި މީހުންނަށް، މަހަކު ބޮލަކަށް 2500 ޔޫރޯގެ ރޭޓުން ހަރަދުކޮށްފައިވާ ކަމަށާއި ބައެއް ފަހަރު އެއަށް ވުރެ ގިނައިން ވެސް ދީފައިވާ ކަމަށެވެ. މީގެ ތެެރެއިން ބައެއް މީހުންނަށް ގެ އާއި ފްލެޓް ގަނެދިނުން އަދި ކުލި ދައްކައިދިނުން ފަދަ ކަންކަން ވެސް ކޮށްފައިވާ ކަމަށާއި މިއީ ހެކި ފޮރުވަން ގަސްދުގައި ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށް ޕްރޮސިކިއުޓަރުން ތުހުމަތުކުރައްވަ އެވެ.

މި މީހުންގެ ތެރެއިން ކޯޓަށް ހާޒިރުކުރި މީހުން ހެކިބަސް ދީފައިވާ ގޮތުގައި ބާލުސްކޯނީ ކަސްބީ އަންހެނުންނާ އެކު ޕާޓީކުރި ކަމަށް ކުރާ ތުހުމަތަކީ ދޮގެކެވެ. ޖިންސީ ގުޅުންތަކާއި މަސްތުގެ ޕާޓީތަކެއްގެ ގޮތުގައި އެކަންކަން ޕްރޮސިކިއުޓަރުން ތުހުމަތުކުރި ނަމަވެސް ހެކިބަސް ދިން މީހުން ބުނަނީ އެއީ ވަރަށް ރަސްމީ ސިފައެއްގައި ބާއްވާފައިވާ ކެއުމުގެ ޕާޓީތަކެއް ކަމަށާއި ޕްރޮސިކިއުޓަރުން ބުނާ ފަދަ ކަންކަން ހިންގާފައި ނުވާ ކަމަށެވެ.

ބާލުސްކޯނީގެ އިތުރުން އޭނާގެ ވަކީލުންނާއި 12 އަންހެނެއްގެ އިތުުރުން 45 މީހެއްގެ މައްޗަށް މިހާރު ވެސް ދަނީ ތަހުގީގު ހިންގަމުންނެވެ. ދޮގު ހެކި ދިން ކަމަށް ކުރާ ތުހުމަތާ އެކު މީގެ ތެރެއިން ބައެއް އަންހެނުންގެ ގެތައް ވެސް ފުލުހުން މިހާރު ވަަނީ ފާސްކޮށްފަ އެވެ.

އުމުރުން 17 އަހަރުގައި 2010 ވަނަ އަހަރު ރޫބީއާ އެކު ބާލުސްކޯނީ ގުުޅުން ހިންގި ކަމަށް ބުނާ މައްސަލާގައި 17 އަހަރުގެ ޖަލު ހުކުމެއް އައި ނަމަވެސް މިދިޔަ ޖުލައި މަހު އިސްތިއުނާފު ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. -- ޓެލެގްރާފް