ހަބަރު

އިމުން ބޭރުވެއްޖެނަމަ އެއްވުންތައް ރޫޅާނެ ކަމުގެ އިންޒާރު ދީފި

މި ފަހަކަށް އައިސް އެކި ނަންނަމުގައި ބާއްވަމުން އަންނަ ސިޔާސީ އެއްވުންތައް ސުލްހަވެރި ނޫން ގޮތަށް ކުރިއަށް ދާ ނަމަ، އެފަދަ އެއްވުންތައް ރޫޅާލަން ފުލުހުން ފަސް ނުޖެހޭނެ ކަމުގެ އިންޒާރު އެ އިދާރާއިން މިއަދުދީފި އެވެ.

ފުލުހުންގެ ސެންޓްރަލް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ސުޕްރިޓެންޑެންޓް އަބްދުﷲ ޝަރީފް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ އާންމުންތަންތަނަށް އެއްވެ، ސުލްހަވެރިކަމާ އެކު ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ވެސް އޮތް ކަމަށެވެ. އަދި ސުލްހަވެރި އެއްވުމެއް ކަމަށް ބެލެވޭނީ، އެ އެއްވުމަކީ ސުލްހަވެރި ބޭނުމެއްގައި ކުރާ ކަމަކަށްވެފައި އަދި އެ އެއްވުމުގައި އަނިޔާވެރި ކަމަށް ހިތްވަރު ދޭނެ ފަދަ އެއްވެސް ކަމެއް ނުކުރާ ނަމަ ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަނިޔާވެރިކަމަށް ނޫނީ ހަމަނުޖެހުން އުފެދޭނެ ފަދަ ވާހަކައެއް ވެސް އެއްވުންތަކުގައި ނުދެއްކޭނެ އެވެ. އެ ހިސާބުން އެއީ ސުލްހަވެރި އެއްވުމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހިސާބުން އެ އެއްވުމެއް ރޫޅާލަން ފުލުހުން ފަހެއް ނުޖެހޭނެ. އެހެން ނޫނީ އެއްވުންތައް ބާއްވަން ވެސް ފުލުހުން އެއްބާރުލުން ދޭނެ. އެކަމަކު ގާނޫނާ ހިލާފުވެ، އެއްވުންތައް ހައްދުން ނައްޓާ ނަމަ އެ އެއްވުމެއް ވަގުތުން ރޫޅާލާނެ. އެކަމަށް ފުލުހުން ތިބީ ތައްޔާރަށް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެ މިހާރު ކުރަމުން އަންނަ މުޒާހަރާތަކުގެ ސަބަބުން އެއްވުން ބާއްވާ ސަރަހައްދުގެ އާންމުންނަށް އެކި ވަރުގެ އުނދަގޫވެ، އެކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އެ އެއްވުންތަކުގައި ހަމަނުޖެހުމާއި އަނިޔާވެރިކަމަށް ބާރުލިބޭ ފަދަ ކަންތައްތައް ކޮންމެވެސް ވަރަކަށް ހިނގާފައި ހުރި ކަމަށް ޝަރީފް ވިދާޅުވި އެވެ.އެއްވުމުގެ ތެރޭގައި ހަމަނުޖެހުން އުފެދޭ ގޮތަށް ހަރަކާތްތެރިވި ދެ މީހަކު ހައްޔަރުކޮށް އެކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ކަންކަން ނުކުރުމަށް ފުލުހުން ވަނީ މިހާރު އެއްވުންތައް ބާއްވާ ފަރާތްތަކަށް ނަސޭހަތް ދީފަ އެވެ.

"ސުލްހަވެރިކޮށް އެއްވުންތައް ބޭއްވޭނެ. އެކަމަކު މަނާ ސަރަހައްދުތަކަށް އެއްވުމާއި އެފަދަ ސަރަހައްދުތަކަށް އެއްވާން ގޮވާލުން ފަދަ ކަންކަން އަޅުގަނޑުމެން ހުއްޓުވާނެ،" ޝަރީފް ވިދާޅުވި އެވެ.