މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ސްރީލަންކާގެ ސަރުކާރާ އިދިކޮޅު އިއްތިހާދުގެ މެމްބަރުން ފަށާފައިވާ މުޒާހަރާގެ މިސްރާބު ވެރިރަށް ކޮލަމްބޯއަށް ބަދަލުކޮށްލައިފި އެވެ.
ފައިމަގުގައި ޝުއޫރު ފާޅު ކުރުމުގެ ހިނގާލުމެއް ސިފައިގައި މި މުޒާހަރާ ފަށާފައިވަނީ ޕެރަޑޭނިޔާ އިންނެވެ. މި މުޒާހަރާ މެދުކެނޑުމެއްނެތި ކުރިއަށް ގެންދާތާ ފަސް ދުވަސް މިހާރުވަނީ ވެފަ އެވެ. މި މުޒާހަރާ މިއަދު ހެނދުނު ކިރިބަތުގޮޑާ އިން ފަށާފައިވަނީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކަސަގެ ބައިވެރިވެ ވަޑައިގެންނެވުމާވެސް އެކު އެވެ.
މުޒާހަރާގެ ބައިވެރިން ވެރިރަށް ކޮލަމްބޯއަށް ވަންނަން ދާއިރު ކޮލަމްބޯގެ މެޖިސްޓްރޭޓް ކޯޓުންވަނީ ކޮލަމްބޯއަށް ވަނުމުގައި ގާނޫނާ ހިލާފް އެއްވެސް ކަމެއް ނުކުރަން އަދި ޕަބްލިކް ނުވަތަ ޕްރައިވެޓް މުދަލަކަށް ގެއްލުން ނުދޭން އަމުރުކޮށްފަ އެވެ. އަދި މީގެއިތުރުން ހައި ސެކިއުރިޓީ ޒޯންތައް ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ނުދިއުމަށް ވެސް އަމުރުކޮށްފައި ވެއެވެ.
ލަންކާ ފުލުހުން މިހާރުވަނީ ކޮލަމްބޯގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށް ހިނގާފާނެ ހާދިސާއަކަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. މި މުޒާހަރާ ކޮލަމްބޯގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަން ނިންމާފަ އެވެ. އަދި މި މުޒާހަރާ ނިންމާލަން ހަމަޖެހިފައިވަނީ ކޮލަމްބޯގަ އެވެ.