ރައްޔިތުންގެ މަޖިލިސް

އަބުރުގެ ބިލު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ޑރ. ހަލީލް

މިއަދު މަޖިލީހަށް ބަލައިގަތް އަބުރު ރައްކާތެރި ކުރުމުގެ ބިލު ދިރާސާ ކުރާ 11 މެންބަރުންގެ ވަގުތީ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރަރު ހޮވައިފި އެވެ.

ސަރުކާރު ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި މި ބިލު މަޖިލީހުން ބަލައިގަތްތާ ކުޑަ އިރުކޮޅެއް ތެރޭގައި ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު، ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލްގެ ނަން ހުށަހެޅުއްވުމުން އެ ނަމަށް ތާއީދު ކުރެއްވީ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާނެވެ. ހަލީލުގެ ނަމަށް ވޯޓަށް އެހުމުން މުގައްރިރު ކަމަށް އޭނާގެ ނަން ފާސްވީ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކޮމެޓީގެ ނައިބު މުގައްރިރަކަށް ހޮވި ވަޑައިގެންނެވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ. އޭނާގެ ނަން ފާސްވީ ވެސް އަޣުލަބިއްޔަތު ވޯޓުންނެވެ.

އަބުރު ރައްކާތެރި ކުރުމުގެ ބިލު ދިރާސާ ކުރާ ވަގުތީ ކޮމިޓީގެ މުގައްރިރް ކަމަށް ހޮވި ވަޑައިގެން ހަލީލް ވިދާޅުވީ ދެން އެންމެ އަވަހަށް ބާއްވާ ކޮމިޓީއެއްގައި ގަވައިދު އެ ކޮމެޓީގެ ކަނޑައެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި އެއަށްފަހު ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.

ވަގުތީ ކޮމިޓީގައި ހިމެނޭ މެންބަރުން

  • ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް
  • ކެލާ ދާއިރާގެ މެންބަރުން އަލީ އާރިފް
  • ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން
  • އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު
  • ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހައްމަދު ލަތީފް
  • މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން
  • ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއިލް
  • މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ
  • ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
  • ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހިމް
  • ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު