ރައްޔިތުންގެ މަޖިލިސް

އިންތިހާބުތަކުގައި ވާދަކުރުމުގެ ޝަރުތުތައް އެއްހަމަކުރާ ބިލު ބަލައިގެންފި

ގާނޫނުގައި ޝަރުތުތައް ކަނޑައަޅާފައިވާ އިންތިހާބުތައް ފިޔަވާ އެހެން ހުރިހާ އިންތިހާބެއްގައި ވާދަ ކުރުމުގެ ޝަރުތުތައް އެއްގޮތް ކުރާ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ސަރުކާރުގެ ކޯލިިޝަން ޕާޓީ އެމްޑީއޭއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 54 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އިސްލާހު ބަލައިގަތުމަށް ނުފެންނަ ކަމަށް 15 މެންބަރުން ވޯް ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ހަތަރު މެންބަރަކު ތިއްބެވި އެވެ. އެގޮތުން ބިލު ފާސްވެ ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ފޮނުވަން ރިޔާސަތުން ނިންމި އެވެ.

އާންމު އިންތިހާބަށް މި އިސްލާހު ހުށަހެޅި ސަބަބު ބަޔާންކޮށް އާމިރު ވިދާޅުވީ އެ އިސްލާހުގެ ތެރެއިން އެކި ގާނޫނުގައި އިންތިހާބުތަކުގެ ޝަރުތުތައް އެކި ގޮތްގޮތަށް އޮތުން ނިމުމަކަށް ގެނައުމާއި އިދާރީ ގޮތުންނާއި ފަރުދީ ގޮތުން ފަސޭހަތަކެއްވާނެ ގޮތަކަށް ގާނޫނު ބައްޓަން ކުރުމަށް ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގެ ގާނޫނުގައި ޝަރުތުތައް ކަނޑައަޅާފައި އޮތް ގޮތުން ގާބިލް އެތައް ބަޔަކަށް ކުރިމަތިނުލެވުމާއި ކުދިކުދި ހިޔާނާތުގެ މައްސަލާގައި އެ މައްސަލައެއް ނިމިގެން ގޮސް ހުކުމް ވެސް ތަންފީޒުވެނިމި 25 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަނަށް ކުރިމަތިނުލެވި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށްވެސް އާމިރު ވިދާޅުވި އެވެ.

މި ބިލަށް ބަހުސް ކުރެއްވުމަށް ތިން ގަޑިއިރުގެ ވަގުތެއް ދެއްވި އިރު ވާހަކަދެއްކެވި ގިނަ މެންބަރުން ބިލަށް ތާއީދު ކުރައްވައެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި އިސްލާހު ކުރަން ޖެހޭ ކަންކަން ބައެއް މެންބަރުން ފާހަގަ ކުރިއެވެ. އަދި އަދި މިހާރު ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ހުރި ދަތި ތަކައި މި ބިލުގެ ޒަރިއްޔާ އިން ރަނގަޅުވާނެ ކަންކަން މެންބަރުން ފާހަގަ ކުރިއެވެ.