ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ރުހުމުގައި ނުދައްކާ ފަރާތްތަކުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އަގު ވައްޓާލަން ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ "މީރާ" ގެ ހަވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޔަޒީދު ވިދާޅުވީ މީރާއިން ކުރަމުންދަނީ ގައުމު ބިނާ ކުރުމުގެ މަސައްކަތް ކަމަށާއި، ނަމަވެސް އެ މަސައްކަތަކީ ހުރިހާ އެންމެން ރުހޭ މަސައްކަތެއް ނޫން ކަމަށެވެ.
"ރުހުމުގައި ފައިސާ ނުދައްކާ ފަރާތްތަކަށް އެންފޯސްކޮށްގެން ފައިސާ ހޯދުމަކީ ޓެކްސް ދައްކާ ފަރާތްތަކުގެ މެދުގައި އިންސާފާއި ހަމަހަމަކަން ކިތަންމެ ރަނގަޅު މަސައްކަތް ތަކެއް ކަމަށްވީ ނަމަވެސް މިކަމާމެދު ރުޅި އަންނަ ފަރާތްތައް ވަރަށް ގިނަ. މިފަދަ ފަރާތްތަކުން ޓެކްސް ދައްކާ ފަރާތްތަކުގެ މެދުގައި މީރާ އިން އުފައްދާފައިވާ އިތުބާރު ނަގާލައި މީރާގެ ނަން ކިލަނބު ކޮށްލަން ކެނޑިނޭޅި މަސައްކަތް ކުރޭ،" ޔަޒީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީރާގެ އަގުވައްޓާލަން މަސައްކަތް ކުރި ނަމަވެސް މި ފަދަ ފިނޑި އަމަލުތަކުގެ ސަބަބުން އެފަދަ މީރާގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި ކުރަމުންދާ މަސައްކަތްއް އުނިކަމެއް ނުލިބޭނެ ކަމަށެވެ.
"މީރާގެ ގާނޫނީ ޒިންމާ ތެދުވެރި ކަމާއެކު އަދާ ކުރާނަން. އިރާދަކުރެއްވިއްޔާ ގައުމު ބިނާ ކުރުމުގައި މީރާގެ މުވައްޒަފުގެ ހިއްސާ އަދާކުރާނެ،" ޔަޒީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޔަކު މީރާގެ އަގު ވައްޓާލަން މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ މުއްސަސާތަކުން މީރާއަށް އެއްބާރުލުން ދޭ ކަމަށެވެ.