ވިޔަފާރި

ގެޓްސެޓް ލޯނަށް 135 އެޕްލިކޭޝަން ހުށަހަޅައިފި

Feb 19, 2015
1

ޒުވާނުންނަށް ދޫކުރާ ގެޓްސެޓް ލޯނަށް 135 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

ގެޓްސެޓް ލޯނުގެ މައުލޫމާތު ދިނުމަށް ވެލާނާގޭގައި މައުލޫމާތު ދެއްވަމުން ގެޓްސެޓް ލޯނު ޕްރޮގްރާމުގެ ކޯޑިނޭޓަރު މަހީލް އަލީ ޖަލީލު ވިދާޅުވީ ގެޓްސެޓް ލޯނަށް ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އަދި މި ލޯނަށް ރާއްޖޭގެ އެކި ހިސާބުތަކުން ޕްރޮލޯސަލްތައް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހީލް ވިދާޅުވީ ގެޓްސެޓް ލޯނަށް ހުށަހަޅާ ޕްރޮޕޯސަލްތަކަށް 48 ގަޑިއިރުގެ ތެރޭގައި ޖަވާބު ދެމުން ގެންދާ ކަމަށެވެ. އަދި ލިބޭ ޕްރޮޕޯސަލްތައް ބަލައި ލޯނު ލިބޭނެ ފަރާތްތައް ކަނޑައަޅާނީ ލޯނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހަމަވުމުން މިމަހުގެ 28 ގެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުވާނުންނަށް ހާއްސަކޮށް ދޫކުރާ މި ލޯނަށް ކުރިމަތިލެވެނީ 18 އަހަރާއި 35 އަހަރުގެ ޒުވާނުންނަށެވެ. މި ލޯނު ދޫކުރަނީ ތިން ލައްކަ ރުފިޔާ އާއި އަށް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ ދެ މީހަކު ގުޅިގެންނެވެ.

މަހީލް ވިދާޅުވީ ލޯނަށް ޕްރޮޕޯސަލްތައް ލިބެމުން އަންނައިރު، ގިނަ މީހުންނަށް އޮޅުން އަރަނީ ބިޒްނަސް ޕްރޮޕޯސަލް ހުށަހެޅުމާއި އިންޓަރެސްޓު ރޭޓާ މެދުގައި ކަމަށެވެ.

"ގެޓްސެޓް ލޯނުގެ އިންޓަރެސްޓް ރޭޓަކީ ޒީރޯ ޕަސެންޓާއި އަށް ޕަސެންޓް. އިންޓަރެސްޓް ރޭޑު ބިނާވެގެން ދާނީ ހުށަހަޅާ ޕްރޮޕޯސަލްއަކަށް. ޕްރޮޕޯސަލް ހުށަހަޅާއިރު މީގައި އިންނަ 13 ސުވާލަށް ޖަވާބު ދިނުން މުހިންމު،" މަހީލް ވިދާޅުވި އެވެ.