އެމްޑީޕީ

ޓްވީޓަކާ ގުޅިގެން އަލީ ނިޒާރު ފޯނު ވެސް ހިފަހައްޓައިފި

ކުރެއްވި ޓްވީޓަކާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައަކަށް ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ނިޒާރުގެ ފޯނު ހިފަހައްޓައިފި އެވެ. ނިޒާރުގެ ފޯނު ފުލުހުން ހިފަހައްޓާފައިވަނީ ރޭ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށްފަހު އެވެ.

ކޯޓު އަމުރެއްގެ ދަށުން ނިޒާރުގެ ފޯނު ހިފަހައްޓާފައިވަނީ، ފުލުހުންނަށް ހަމަލާދޭން ގޮވާލައި ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އޭނާގެ ފޯނު ހިފަހައްޓަން ކޯޓުން ނެރުނު އަމުރުގައި އޭނާގެ ފޯނު ތިން މަސް ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވޭނެ ކަމަށް އަންގާފައި ވެއެވެ.

އަދި އެ އަމުރުގައިވާ ގޮތުން ފޯނު ހިފަހައްޓަން ފުލުހުންނަށް ހުއްދަ ދީފައިވަނީ، ގާނޫނު ތަންފީޒު ކުރާ ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ދަތިކޮށް ފުލުހުންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޓުވީޓް ކޮށްފައިވާތީ އެވެ.

ނިޒާރު ފުލުހަށް ހާޒިރުކޮށް، ފޯނު ހިފަހައްޓައި ބަޔާނެއް ނަގާފައިވާއިރު މަޖިލީހުގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސެއިން ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ވަނީ ބަޔާން ނަގާފަ އެވެ. އަލީ ހުސެއިން ފުލުހަށް ހާޒިރުކުރީ ފުލުހުންގެ ގައިގާ އާންމުންނަށް އަތްލެވޭނެ ކަމަށް ބުނެ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

މީގެއިތުރުން ވެސް އިދިކޮޅު އިއްތިހާދު އެކުލަވާލި ޝެޑޯ ކެބިނެޓްގެ ތިން މެންބަރުން ކަމަށްވާ ޝިދާތާ ޝަރީފާއި ތަސްމީނު އަލީ އަދި ހަސަން ލަތީފް ވަނީ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ. މި ތިން ބޭފުޅުން ހާޒިރުކުރީ ސިޔާސީ ހައްޔަރީންނަށް އިއްތިހާދުން އެކުލަވާލި ފަންޑަށް ފައިސާ އަންނަ ގޮތްތަށް ބެލުމަށް ކުރާ ތަހުގީގަކާ ގުޅިގެންނެވެ. ތިން ބޭފުޅުންގެ ފޯނު ވެސް ވަނީ ހިފަހައްޓާފަ އެވެ.