ހަބަރު

ޖޭޕީ-އެމްޑީޕީގެ އެއްވުންތަކާ ދެކޮޅަށް ގިނަ ޒުވާނުން އެއްވެ އަޑުއުފުލައިފި

Feb 19, 2015
1

ޖޭޕީ- އެމްޑީޕީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ ޒުވާނުންތަކެއް އެއްވެ އަޑުއުފުލައިފި އެވެ.

ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ގޮވާލެއްވުމަކަށް މިއަދުގެ މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި އެވެ. ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވި، އެ މުޒާހަރާގައި ޒުވާނުން އަޑުއުފުލާފައި ވަނީ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގުތައް ހަލަބޮލިކޮށް ކުރަމުން އަންނަ ކަންކަމުގެ ސަބަބުން ގައުމުގެ މަސްރަހު ގޯސްވެ، ޒުވާނުންގެ ކުރިމަގަށް ހުރަސް އެޅޭ ކަމަށް ބުނެ އެވެ. އަދި އެއީ ޒުވާނުންނާ މެދު ވިސްނާ ބައެއް ނޫން ކަމަށް ވެސް އެ މީހުން ގޮވާލި އެވެ.

އެދޭބޭފުޅުން ވެސް ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް ހިންގަނީ ޖީއެމްއާރު ފަދަ ބޭރުގެ އެޖެންޓުންގެ އެހީއާ މަދަދު ލިބިގެން ކަމަށް ބުނެ ވެސް އެ ޒުވާނުން ވަނީ އަޑު އުފުލައިފަ އެވެ.

މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗްގައި ސަރަހައްދުން މާލޭގެ ބޮޑެތި މަގުތަކުގައި ވަނީ ހިނގާލައިފަ އެވެ. ޖޭޕީގެ ޖަގަހަ ކުނޫޒު ކުރިމަތީގައި ހުންނަވާ ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، ގާސިމް އިބްރާހިމް ކިތަންމެ ވަރަކަށް އާދޭސް ކުރިޔަސް އޭނާ ނުވިކޭނެ ކަމަށެވެ. އަދި ދިވެހި ޒުވާނުންނަކީ ކެރޭ ބައެއް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"ދިވެހި ޒުވާނުން މިތިބީ ރައީސް ޔާމީނާ އެކު. ތިބޭފުޅުންނަށް ފެނޭތޯ؟ ދިވެހި ޒުވާނުން އެއަށް ވުރެ ހޭލުންތެރި،" އަދީބު ވިދާޅުވި އެވެ.

އެ މުޒާހަރާގައި ބައިވެރިވި މަޖިލީހުގެ މެންބަރު ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ ޒުވާނުންނަށް އޮޅުވާނުލެވޭނެ ކަމަށެވެ. އަދި ޒުވާނުން ތިބީ މި ސަރުކާރާ އެކުގައި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ޒުވާނުންނަށް ޑޮމޮކްރަސީ އޮޅުވާ ނުލެވޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

މިއަދުގެ މުޒާހަރާގެ ބައިވެރިންނާ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި މި ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި ޒުވާނުންގެ ތަރައްގީއަށް ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަ ކޮށްދެއްވުމަށް ރައީސް ވައުދުވެ ވަޑައިގެންނެވި އެވެ.