އަލިފާން

މާއެނބޫދޫ ކައުންސިލް އިދާރާ އަނދައި ހުލިވެއްޖެ

  • ހިފި އަލިފާންގަނޑު ނިންވާލެވުނީ ފަތިހު
  • އަލިފާން ރޯވި ސަބަބު ދެނެއެއް ނުގަނެވޭ
  • ރަސްމީ ލިޔެކިޔުންތައް ވެސް އަނދާފައި

ދ.މާއެނބޫދޫ ކައުންސިލް އިދާރާ ބޭނުން ނުކުރެވޭ ވަރަށް އަލިފާން ރޯވެ އަނދައި ހުލި ވެއްޖެ އެވެ. އަލިފާން ހިފާފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.

އެމްއެންޑީއެފް އިން ބުނީ މާއެނބޫދޫގައި މި ހާދިސާ ހިނގީ ރޭ 03:24 ހާއިރު ކަމަށާއި އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު 4:50 ގައި ކަމަށެވެ. އަދި އެ ހާދިސާގައި ކައުންސިލް އިދާރާ މުޅިން އަނދައި ހުލިވެފައިވީ ނަމަވެސް އެލިފާނުގެ އަސަރު އެހެން އިމާރާތަކަށް ނުކުރާ ކަމަށާއި އެއްވެސް މީހަކަށްވެސް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ފުލުހުން ބުނީ މާއެނބޫދޫ ކައުންސިލްގައި އަލިފާނުގެ ހާދިސާއެއް ދިމާވާން މެދުވެރިވީ ސަަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް އަލިފާން ރޯވީ ސަބަބު ދެނެގަނެވިފައި ނުވާ ކަމަށެވެ.

މި ހާދިސާގެ ސަބަބުން ގިނަ އަދަދެއްގެ ރަސްމީ ލިޔެކިޔުންތައް ވަނީ އަނދައިގެން ގޮސްފަ އެވެ.