ހަބަރު

ޝަރުއީ ދާއިރާގެ ފަރާތްތައް ކޮމެޓީތަކަށް އައްޔަން ކުރެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް އަންގައިފި

ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުން ދައުލަތުގެ މުއައްސަސާތަކުގެ ކޮމެޓީތަކަށް އައްޔަން ކުރެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް އެ ކޯޓުން މިއަދު އަންގައިފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވައި މިއަދު ނެރުނު ސާކިއުލާއެއްގައިވަނީ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުން ދައުލަތުގެ ކޮމެޓީތަކަށް އައްޔަންކުރެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމަކުން ލިބުމުން ކަމަށެވެ. އަދި މިހާރު އެފަދަ ކޮމެޓީތަކުގައި ތިބި ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުން މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ކޯޓަށް ހުށަހަޅައިގެން ލިޔުމުން ހުއްދަ ހޯދުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާގެ ކަންކަމުގައި ދައުލަތުގެ އޮފީސްތަކުން ވަކި ކޯޓުތަކާއި ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނާ މުއާމަލާތު ކުރުމުގެ ބަދަލުގައި ސީދާ ސުޕްރީމް ކޯޓާ މުއާމަލާތު ކުރަންޖެހޭ ގޮތަށް އެ ކޯޓުން 2013 ގައި ނެރެފައިވާ ސާކިއުލާއަށް އަމަލު ކުރުމަށް ވެސް އެ މިއަދު ނެރުނު ސާކިއުލާގައި އަންގާފައިވެ އެވެ.

މީގެކުރިން ސުޕްރީމް ކޯޓުން ވަނީ ޝަރުއީ ދާއިރާއާ ގުޅުންހުރި ވޯކްޝޮޕްތަކުގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ބައިވެރިވޭނީ އެ ކޯޓުގެ ހުއްދަ ލިބިގެން ކަމަށް ވެސް އަންގައިފަ އެވެ.