ހަބަރު

އިދިކޮޅު ފަރާތްތަކުން އުފުލާ އަޑުތަކުގައި އޮއްޓަރެއް ނެތް: ރައީސް

Feb 19, 2015

ޖޭޕީ އާއި އެމްޑީޕީން ކިތަންމެ ވަރަކަށް އަޑުފުލި ނަމަވެސް އެ އަޑުތަކުގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގާނޫނު އަސާސީގެ ހިމާޔަތުގައި ކަމަށް ބުނެ ޖޭޕީ އާއި އެމްޑީޕީން މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާތަކާއި ދެކޮޅު ހަދައި ރައީސް ޔާމީނަށް އޮތް ތާއީދު ހާމަ ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ޒުވާނުން މިއަދު މާލޭގައި ބޭއްވި އަޑު އުފުލުމުގެ ހިނގާލުން ނިންމާލި ވަގުތު އެ ސަރަހައްދަށް ވަޑައިގެންނެވެ.

"ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި އާރެއް ނެތް. އަދި ކުރާ މަސައްކަތްތައް ކާމިޔާބެއްވެސް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ހުޅުމާލޭ ޔޫތު ސިޓީ ހިއްކުމުގެ މަސައްކަތް ނިމޭތަން ފެންނަ ކަމަށާއި އިދިކޮޅު ފަރާތްތަކަށް އެކަން ހަޖަމް ނުވާނެ ކަމަށެވެ. ޒުވާނުންނަށް ހިދުމަތްކޮށްދޭން ކެރުނު ސަރުކާރަކީ މި ސަރުކާރު ކަމަށާއި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭ ކަންތައްތަކަކީ އުނދަގޫ ކަންތައްތަކެއް ނޫން ކަމަށެވެ.

"ޒުވާނުން ބާރުވެރި ކުރުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް މި ސަރުކާރުން މިދަނީ ކުރަމުން. އަންހެނުންނަށް ވެސް އަދި ފިރިހެނުންނަށް ވެސް ހާއްސަކޮށް ތަފާތު މަސައްކަތްތައް މިދަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރު ފެށީ 34 މިލިޔަން ރުފިޔާގެ ދަރަންޏަކާއެކު ކަމަށާއި އިދިކޮޅު ފަރާތްތަކަށް ތަރައްގީ ހަޖަމް ނުކުރެވޭ އިރު ރާއްޖޭގެ އިގްތިސޯދު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އިންފްލޭޝަން ރޭޓް ކޮންޓްރޯލް ކުރެވި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ވެސް އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޒުވާނުންނާ ގުޅޭ ބިލެއް މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީ ހިމާޔަތް ކުރަން ބަޔަކު އުޅޭއިރު އެ މީހުންގެ ތެރޭގައި ތިބި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ޕީޕީއެމާއި ގުޅެމުން އަންނަ ކަމަށާއި ދުވަސްކޮޅެއް ފަހުން ވެސް އިތުރު މެމްބަރުން ޕީޕީއެމާއި ގުޅޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާއި ކުރިމަތިލާން ވަޑައިގަންނާވާއިރު އެމަނިކުފާނު މަސައްކަތްތައް ނިންމަވާފައިވާ މިންވަރަށް ބަލަން ޖެހޭ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އެއްވެސް "ސަބްސްޓެންސެއް" ނެތް ކަމަށާއި މިހާރު އުފެދިފައިވާ ސިޔާސީ ކޯލިޝަންވެސް މާތްﷲ ނިންމަވާ ގޮތަކުން ބަދަލު ވެދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުރިހަމަ ކުރައްވަމުން އަންނަ ކަމަށާއި ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް މިހާތަނަށް ނުކުރައްވާ ކަމަށެވެ. އަދި މި ކުރަނީ ގައުމު އާރޯ ކުރުމުގެ މަސައްކަތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.