އަވަސް ވީކެންޑް

ޝުޖާއު: އެމްޓީޑީސީ ގަދަކޮށްލުމުގެ އަޒުމުގައި

Aug 5, 2016
6
  • ތައުލީމާއި މެނޭޖުމަންޓް ދާއިރާގައި ކާމިޔާބު ހޯދި
  • ޓޫރިޒަމް ދާއިރާގެ ތަޖުރިބާ އެބަހުރި
  • އަމާޒަކީ ހިއްސާދާރުން އުފާ ކޮށްލައި ދިނުން

އޭނާގެ ކުރީގެ "ޕްރޮފެޝަން" އަކީ ތައުލީމީ ދާއިރާ އެވެ. އެޑިއުކޭޝަން މިނިސްޓްރީ އެވެ. ނަމަވެސް މިހާރު އޭނާ ހުންނެވީ ސަރުކާރުގެ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ހުންގާނުގަ އެވެ. މިއީ އެމްޓީޑީސީގެ އާ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު އެވެ. ޝުޖާއު ހުންނެވީ ސަރުކާރުގެ ޓޫރިޒަމް ކުންފުނި ވަރުގަދަ ކުރުމަށް އަޒުން ކަނޑައަޅުއްވައިގެންނެވެ.

"އަޅުގަނޑުމެން އަޒުމަކީ މި ކުންފުންޏަކީ [އެމްޓީޑީސީ] އަކީ ހިއްސާދާރުންނަށް ފައިދާހުރި ކުންފުންޏަކަށް ހެދުން. އެކަމަށް އަޒުން ކަނޑައަޅައިގެން މަސައްކަތް ބައްޓަން ކުރަމުން މިދަނީ،" އެމްޓީޑީސީގެ އާ އެމްޑީ ޝުޖާއު "އަވަސް" އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ސަރުކާރުގެ ޓޫރިޒަމް ކުންފުނީގެ ތައާރަފެއް ގިނަ ދިވެހިން ބޭނުމެއް ނުވާނެ އެވެ. ކުރުކޮށް ބުނާނަމަ އެ ކުންފުނި އާއްމުންގެ މެދުގައި އެނގެނީ، ފައިދާ ނުވާ ކުންފުންޏެއްގެ ގޮތުގަ އެވެ. ސުވާލަކީ މާލީ ގޮތުން ވެއްޓިފައި އޮތް މިފަދަ ކުންފުންޏެއް ނަގައި ކޮޅަށް ޖެހުމުގެ ގާބިލްކަން އާ އެމްޑީގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ މި ސުވާލަށް ޖަވާބު ލިބެނީ ތައުލީމީ ދާއިރާގެ މެނޭޖުމަންޓުގެ ދާއިރާގައި ޝުޖާއު ކުރި ތަޖުރިބާ އާއި އޭނާގެ ތައުލީމެވެ. މި ދެކަންތަކަށް ބަލާއިރު ޝުޖާއުއަށް "އޭ" ރިޕޯޓެއް ލިބޭނެ އެވެ.

ޝުޖާއު ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު ވަޑައިގެންވެނީ ރާއްޖެއިން ބޭރަށެވެ. ބޭރުން މަތީ ތައުލީމް ހާސިލް ކުރާށްވާށެވެ.

"ސްކޫލް ހިންގުމުގައި މަސައްކަތް ކުރިން. މީގެ އިތުރުން އެޑިއުކޭޝަންގެ ބައެއް ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތް ކުރިން،" ނ. މަނަދުއަށް އުފަން، ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއުގެ ތައުލީމީ ބެކްގްރައުންޑަށް ބަލާއިރު، ތައުލީމް ހާސިލް ކުރެއްވީ އިކޮނޮމިކް އާއި ސޯސިއޮލޮޖީ އަދި ޕޮލިޓިކަލް ސައިންސްއިންނެވެ. އަދި ޕޯސްޓްގްރެޖުއޭޓުގައި ހާއްސަވީ ވިޔަފާރި މެނޭޖުކުރުމުގެ ދާއިރާ އިންނެވެ.

"ފުރަތަމަ ރިސޯޓް މެނޭޖުމަންޓް ދާއިރާގައި މަސައްކަތް ކުރިން،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތައުލީމީ ދާއިރާގެ މެނޭޖުމަންޓާއި ޓޫރިޒަމް ކުންފުންޏެއް މެނޭޖުކުރުމުގައި މާބޮޑު ތަފާތެއް ނުފެންނަ ކަމަށެވެ.

"ތައުލީމީ ދާއިރާއަކީ ވެސް ގާތްގަނޑަކަށް 24 ގަޑިއިރުގެ ވަޒީފާއެއް. މިތަނުގައިވެސް ދާދި އެއްގޮތެއް. ތަފާތަކީ ސަރުކާރު ހިންގުމުގެ ދާއިރާ އިން ވިޔަފާރި ކުންފުންޏަކަށް ނުކުމެވުން. ވިޔަފާރި ވިސްނުމުގައި ކަންތައްތައް ކުރަންޖެހޭ ޖެހުން. ތައުލީމީ ދާއިރާއާ ބަލާއިރު މި ދާއިރާގައި ވެސް ހަމައެ ކޮމިޓްމަންޓް ދޭން ޖެހޭ،" ޝުޖާއު ވިދާޅުވި އެވެ.

ދެން އޮތް ސުވާލަކީ ތައުލީމީ ދާއިރާގެ މެނޭޖުމަންޓުގައި މަސައްކަތް ކުރައްވާފައި ހުންނެވި ބޭފުޅަކަށް ޓޫރިޒަމް ދާއިރާގެ މީހުންނާ ގުޅުން ބަދަހި ކުރަން ދަތިތަކާ ކުރިމަތިވެދާނެތޯ އެވެ؟ ޝުޖާއު ގަބޫލު ކުރައްވާ ގޮތުގައި އެކަން މައްސަލައަކަށް ނުވާނެ އެވެ.

"މިހާރުވެސް އަޅުގަނޑުމެންގެ ޕާޓްނަރުންނާ ވަރަށް ގުޅުން ރަނގަޅުވާނެ. ހަގީގަތަކީ އެ ބޭފުޅުންނަށް ދިމާވާ ކޮންމެ ގޮންޖެހުމަކީ އަޅުގަނޑުމެންނަށް ވެސް ދިމާވާ ގޮންޖެހުމެއް. މި ކަންކަމުން އަރައި ގަނެވެން އަންނަނީ އެ ބޭފުޅުންނާ ވަރަށް ކޮންސްޓްރެކްޓިވްކޮށް މަސައްކަތްތަކެއް ކޮށްގެން. އެހެންވެ ޕާޓްނާސްއާއެކު ވެސް ވަރަށް ރަނގަޅަށް ގުޅުންތައް މިދަނީ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުންނަކީ ޓޫރިޒަމް ދާއިރާގެ ރޯލްމޮޑެލުން ކަމަށާއި، އެ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ އަބަދުވެސް ހޯދަމުންދާ ކަމަށެވެ.

"ބައެއް ފަހަރު ލަފާ ބޭނުންވާ ފަހަރު އާދޭ، އެ ބޭފުޅުންގެ އެއްބާރުލުން ބޮޑު. ސަރުކާރުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދޭ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޓީޑީސީގެ އެމްޑީގެ މަގާމު ލިބުމުގައި މައިގަނޑު ސަބަބަކީ ކިޔަވައިގެން އައި ވަގުތާ މި މަގާމު ހުސްވުމާއި ދިމާވުން ކަމަށެވެ.

"އަޅުގަނޑު އަބަދު ވެސް ގެންގުޅޭ ވިޝަންއެއްް އޮވޭ. އެއީ ޓޫރިޒަމްގެ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތެއްވުން. އެކަމަށް އަޅުގަނޑުގެ ރިސާޗް ޕޭޕަރުވެސް ހެދީ. އެހެންވެ ތިޔަރިޓިކަލީ ހުރީ ވަރަށް ރެޑީއަށް. ހުއްޓާ މި މަގާމު އިއުލާނު ކޮށްފައި އޮތް ތަން ފެނުމުން އެޕްލައިކުރީ. އެޕްލައި ކުރީމަ އަޅުގަނޑަށް ލިބުނީ،" އެމްޓީޑީސީގެ އެމްޑީގެ މަގާމާ ހަވާލުވިތާ ތިން މަސްވެފައިވާ ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ތައުލީމީ ދާއިރާގެ މެނޭޖުމަންޓުގެ ތަޖުރިބާއާއެކު އޭނާގެ އަޒުމަކީ އެމްޓީޑީސީ ވަރުގަދަ ކުންފުންޏަކަށް ހެދުމެވެ. ހިއްސާދާރުންނަށް ފައިދާ ލިބޭ އުފާވާ ކާމިޔާބު ކުންފުންޏަކަށް ހެދުމެވެ.