ކޮމަންވެލްތު ޖަމިއްޔާ

ރާއްޖޭގައި ހުރި ކަންބޮޑުވުންތައް ބަލައި އަޑު އަހައިފިން: ކޮމަންވެލްތް މަންދޫބު

ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގެ މަގުސަދަކަށްވީ ރާއްޖޭގައި ހުރި ކަންބޮޑުވުންތައް ރަނގަޅަށް ބަލައި، އަޑުއެހުން ކަމަށާއި އެކަން ހާސިލުވެފައިވާ ކަމަށް ކޮމަންވެލްތުން ރާއްޖެއަށް ކަނޑައެޅުއްވި ހާއްސަ މަންދޫބު، ވިލީ މުތުންގާ ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި މުތުންގާ ވިދާޅުވީ، ރާއްޖެއިން އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށާއި ދަތުރުގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ބައެއް މިނިސްޓަރުންނާއި ސިޔާސީ ލީޑަރުންނާއި ޝަރުއީ ދާއިރާ އާއި ފުލުހުންނާއި މަދަނީ މުޖުތައު އަދި ބައިނަލްއަގްވާމީ ބައިވެރިންނާ ވެސް ބައްދަލުކުރައްވާފައިވާނެ ކަމަށެވެ.

"... އަޅުގަނޑު ދިވެހި ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގެ އަމާޒަކަށްވީ [ކަންބޮޑުވުންތައް] އަޑުއެހުން، ރަނގަޅަށް އެކި ފަރާތްތަކުގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެހުން، އެ އަމާޒު އަޅުގަނޑަށް ހާސިލުވި،" މަންދޫބު ވިދާޅުވި އެވެ.

ރާއްޖެއަށް އިތުރު ދަތުރުތަކެއް ކުރައްވާނެ ކަމަށް ވެސް މަންދޫބު ވިދާޅުވެފައި ވެއެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް އިސް ނަންގަވައިގެން މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އެގޮތުން މިނިވަން މުއައްސަސާތައް ތަރައްގީކުރަން މަސައްކަތްކުރައްވާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކުރުމަށް އެއީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބާއްވަން މަސައްކަތް ކުރާ މަޝްވަރާތައް މިހާތަނަށް ނާކާމިޔާބު ވެފައިވީ ނަމަވެސް މުތުންގާ ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އިދިކޮޅު އިއްތިހާދާ ވެސް ވަކި ވަކިން ބައްދަލުކޮށްފަ އެވެ. މީގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާ ވެސް މަންދޫބު ބައްދަލުކުރައްވާފައިވެ އެވެ.

މުތުންގާ ވިދާޅުވެފައިވާ ގޮތުގައި އޭނާގެ މަސައްކަތަކަށް ވާނީ، ރާއްޖޭގެ ސިޔާސީ ފަރާތްތައް އެއްގަލަކަށް އަރުވައި، ސިޔާސީ ވެރިންގެ މެދުގައި ވާހަކަ ދެއްކޭނެ ފަދަ މާހައުލެއް ގާއިމްކޮށްދިނުމެވެ. އަދި މިނިވަން އިންސާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭނެ ފަދަ ރިޔާސީ އިންތިހާބެއް 2018 ގައި ރާއްޖޭގައި ބޭއްވުމަށް އެހީތެރިވެދިނުމަކީ ވެސް އަމާޒެއް ކަމަށް މުތުންގާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ޖުޑިޝަރީ އާއި އިންސާނީ ހައްގުތަކުގެ ކަންކަން ކުރިއެރުވައި ތަހުޒީބު ޑިމޮކްރަސީއެއް ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފެށުމަށް ކޮމަންވެލްތްގެ ހާއްސަ މަންދޫބެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގަތީ ރައީސް އަބްދުﷲ ޔާމީނެވެ.