ޗައިނާ

ކަނޑުގެ މައްސަލާގައި ޗައިނާއިން އިންޑިއާގެ މަދަދު ހޯދަނީ

Aug 6, 2016

މަސްރަހު ގޯސްވެފައިވާ ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ޗައިނާއިން އިންޑިއާގެ އެހީތެރިކަމަށް އެދެން ނިންމާފައިވާކަމަށް އިންޑިއާގެ މީޑިއާތައް ބުނެފި އެވެ.

ޗައިނާގެ ހާރިޖީ ވަޒީރު ވޭންގް ޔީ ވަނީ އަންނަ ހުކުރު ދުވަހު ތިން ދުވަހުގެ ދަތުރު ފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ނިންމަވާފަ އެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނީ ވޭންގްގެ ދަތުރުފުޅުގެ ބޭނުމަކީ އަންނަ މަހު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ 20 ގެ ސަމިޓްގައި ކަނޑުގެ މައްސަލައާ ބެހޭގޮތުން އެމެރިކާ އާއި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުމުގައި އިންޑިއާއިން ބައިވެރި ނުވުމަށް ބާރު އެޅުއްވުމެވެ.

އިންޑިއާިން ވަނީ ދެކުނު ކަނޑުގައި ސަރހައްދުގެ ހުރިހާ ގައުމެއްގެ ހައްގުތައް ވެސް ހިމާޔަތް ކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.

ފިލިޕީންސުން ދަހޭގް ބައިނަލްއަގްވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅި މައްސަލާގައި ކޯޓުން ހުކުމް ކޮށްފައިވަނީ ޗައިނާއިން ކަނޑުގެ ސަރަހައްދުގެ ފަރުތައް ހިއްކައިގެން ހަދާ ރަށްރަށް ހަދަނީ ބައިނަލްއަގްވާމީ ގަނުނޫތަކާ ހިލާފަށް ކަމަށެވެ. ޗައިނާއިން ފުޅާކޮށްފައިވާ ސަރައްހަދު ދޫކޮށް އެގައުމުގެ އިމުގެ ތެރެއަށް ވަނުމަށްވެސް އެ ކޯޓުން ވަނީ ޗައިނާގެ މައްޗަށް ހުކްމުކޮށްފައެވެ.

ނަމަވެސް ޗައިނާއިން ބުނީ ކޯޓުން ހުކްމކޮށްފައިވަނީ އެންމެ ފަރާތެއްގެ ވާހަކަ އަޑު އެހުމަށްފަހު ވަކިކޮޅަކަށް ބުރަވެ މަށެވެ.

ޗައިނާއިން ބޭނުން ވަނީ އެ މައްސަލަ ޖީ 20 ސަމިޓުން ބޭރުގައި ބޭއްވުމަށެވެ. މިދިޔަ މަހު ބޭއްވުނު އާސިއާން ސަމިޓްގައި ވެސް އެ މައްސަލަ ސަމިޓްގެ ތެރެއަށް ވެއްދުމަށް ޗައިނާއިން ވަނީ ދެކޮޅު ހަދާފައެވެ.

ޗައިނާއިން އިންޑިއާގެ އހީތެރިކަން ހޯދަން ނިންމަފައިވާއިރު، ދުނިޔޭގެ ނިއުކްލިއާ އިއްތިހާދުގެ މެންބަރުކަން ހޯދުމަށް އިންޑިއާއިން ކުރާ މަސައްކަތުގައި ޗައިނާއިން ވަނީ އެ އިއްތިހާދުގެ މެންބަރުކަން އިންޑިއާއަށް ދިނުމަށް ދެކޮޅު ހަދާފައެވެ. އެހެންވެ އޭޝިއާގެ އެންމެ ބާރު ގަދަ ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ހީނަރުވެގެން ދިޔައެވެ.

ސެޕްޓެމްބަރު ތިނެއް ގައި ބާއްވާ ޖީ 20 ގެ ސަމިޓްގެ ހަވާސާގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ތިންބޭފުޅުން އެކުގައި ބައްދަލު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.