އެމްއެންޑީއެފް

ޖެޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ލައްގައިފި

ޖެޓެއް ނުވަތަ މިސައިލެއްގެ ފަހަތު ބައި ކަމަށް ބެލެވޭ އެއްޗެއް ވިލަމެންދޫ އައިލޭންޑް ރިސޯޓް އެންޑް ސްޕާ ކައިރި ފަރަށް ލައްގާފައި އޮތްވާ ފެނިއްޖެ އެވެ. މިކަން މިހާރު ވަނީ އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދްނާނު އާދަމް މިއަދު ވިދާޅުވީ، އެފަދަ ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށާއި އެ ސަރަހައްދަށް މިހާރު ސިފައިން ދަތުރު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް އަދި ދެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ގޮތް ނޭނގޭ އެއްޗެއް އެ ރިސޯޓް ކައިރިއަށް ލައްގާފައިވާއިރު އެ ރިސޯޓުގެ މުވައްޒަފަކު ބުނެފައިވާ ގޮތުގައި އެ އެތި ބޮޑަށް ވައްތަރީ ޖެޓެއްގެ ނޫނީ މިސައިލެއްގެ ފަހަތު ބަޔާ އެވެ.

މިކަން ބެލުމަށް ސިފައިން އެ ސަރަހައްދަށް ދަތުރުކުރަމުންދާއިރު، މިދިޔަ ހަފުތާގެ ތެރޭގައި ހުޅުލެއަށް އަތު ބޮމެއް ލައްގާފައިއޮތްވާ ވެސް ފެނިފައިވެ އެވެ. އެއީ، ސިފައިން ތަމްރީނުތަކުގައި ބޭނުންކުރާ ވައްތަރުގެ ބޮމެކެވެ.