ހަބަރު

ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައި، މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފި

Feb 19, 2015

ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވާލައި، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ގުޅިގެން މިރޭ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.

އުސްފަސްގަނޑު ސަރަހައްދުން ފެށި އެ ހިނގާލުމުން މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވުމަށް ފަހު ބޮޑުތަކުރުފާނުމަގުން މަސް މާރުކޭޓާ ހިސާބަށް ދެވުނުތަނާ ފުލުހުން ވަނީ އިތުރަށް ކުރިއަށް ނުގެންދެވޭ ގޮތަށް ބެރިކޭޑް ޖަހައި، މަގު ބަންދުކޮށްފަ އެވެ. އެ ބެރިކޭޑްތައް ފަޅާލާފައި ހިނގާލުމުގެ ބައިވެރިން ކުރިއަށް ދާން ފެށުމުން ފުލުހުންނާއި ހިނގާލުމުގެ ބައިވެރިންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް ފަހުން އެސްއޯ ފުލުހުން އައިސް ވަނީ މީހުން ކޮންޓްރޯލްކޮށް ކުރިން ތިބި ހިސާބަށް ޖައްސައިފަ އެވެ.

އެ ހިނގާލުން ފެށިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ހިނގާލުމުގައި ބައިވެރިވެ ވަޑައިގަތެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަކި ހިސާބަކުން ވަނީ އެ ހިނގާލުމާ ގުޅިފަ އެވެ. ނަމަވެސް މަސް މާރުކޭޓާ ހިސާބުން ކުރިއަށް ނުދެވުމާ އެކު އެ ދެ ބޭފުޅުން ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފަ އެވެ.

އެ ދެ ބޭފުޅުން އެ ސަރަހައްދުން ވަޑައިގަތް ނަމަވެސް އެ ސަރަހައްދުގައި ތިބެގެން ގިނަ ބަޔަކު ވަނީ ސަރުކާރާއި ރައީސް ޔާމީނަށް ފާޑު ކިޔައި، އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައިފަ އެވެ.

މިރޭގެ އެއްވުން ނިންމާލީ މާދަމާ ރޭ ވެސް އެފަދަ އެއްވުމެއް އެ ސަރަހައްދުގައި އޮންނާނެކަން އިއުލާން ކުރުމަށް ފަހު އެވެ.