ސިނަ މާލެ ބްރިޖް

ބްރިޖު ވިއުއިން ޕްލެޓްފޯމެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ވިއުއިން ޕްލެޓްފޯމެއް ތަރައްގީ ކުރާނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ. ހައުސިން މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފުޑް އައުޓްލެޓްތަކަކާއެކު ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ވިއުއިން ޕްލެޓް ފޯމެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ޕްރޮޕޯސަލް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި ކަމަށެވެ.

އެގޮތުން އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ ކުރިން ހައުސިން މިނިސްޓްރީ އިން "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" ފޯމް ބަލައިގަނެ މިމަހު 15 ވަނަ ދުވަހުގެ ކުރިން އެ ހުށަހެޅުމަށް އެދޭ ކަމަށެވެ.

މި އިއުލާނައި ގުޅިގެން އިތުރު ތަފްސީލެއް ހައުސިން މިނިސްޓްރީ އިން ނުދެއްވަ އެވެ.

މާލެއާ ހުޅުލެ ދެމެދު ބްރިޖް އެޅުމަށް ބޭނުންވާ "ވަގުތީ ބްރިޖް" ގެ މަސައްކަތް ކުރިޔަށް ދާއިރު މިހާރު ވަނީ އެ މަސައްކަތުގެ ބޮޑުބައެއް ނިންމާލާފަ އެވެ. އަދި އަސްލު ބްރިޖުގެ ފައުންޑޭޝަން އެޅުމަށް ބޭނުންވާ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން މިހާރު ވަނީ ފަށާފަ އެވެ.

ބްރިޖްގެ ދިގުމިނުގައި ޖުމްލަ ދެ ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު އުސްވާނެ އެވެ. ބްރިޖް ހަދަނީ އިންޓަނޭޝަނަލް ކާގޯ ސްޓޭންޑަޑްގެ ބަރުދަނަށް ވެސް ބަލައިގެންނެވެ.