- އަންނަ އަހަރުގެ ސީޒަނަށް ހުޅުވާނެ
- އަލުން މަސައްކަތް ވަނީ ފަށާފައި
- ރިސޯޓުގައި 600 އެނދު ހުންނާނެ

މިހާރު އެންމެ އިސްކަމެއް ދެނީ ހދ. ނާގޯށި ހުޅުވަން ކަމަށާއި، އެ ރިސޯޓުން ދިވެހިންނަށް 200 އެއްހާ ވަޒީފާ އުފެދޭނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު ވިދާޅުވެއްޖެ އެވެ.
"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސަރުކާރުގެ ޓޫރިޒަމް ކުންފުނީގެ އެމްޑީ ޝުޖާއު ވިދާޅުވީ އެ ރިސޯޓް ތަރައްގީކޮށް ނާގޯށި އަންނަ އަހަރު ހުޅުވޭ ވަރުވާނެ ކަމަށާއި، އެ ރިސޯޓު ވެގެންދާނީ ލޯކަލް ކޮމިއުނިޓީއަށް ފޯރާނެ ރިސޯޓަކަށް ވާނެ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ އަންނަ އަހަރުގެ މެދުތެރޭގައި ސީޒަނަށް ވާން ވާއިރަށް ރިސޯޓު ހުޅުވޭނެ ކަމަށް،" މީޑިޔާއަކަށް ދިން ފުރަތަމަ އިންޓަވިއުގައި ޝުޖާއު ވިދާޅުވި އެވެ.
ހދ. ގައި ހުޅުވާ ފުރަތަމަ ރިސޯޓު ކަމަށްވާ ނާގޯށި ތަރައްގީ ކުރަނީ ރަޝިޔާ ކުންފުންޏެއް ކަމަށްވާ ތްރީކޭ އިންޓަނޭޝަނަލުންނެވެ. އެ ކުންފުނިން އެ ރިސޯޓުގެ 50 ޕަސެންޓް މަސައްކަތް ވަނީ ކޮށްފަ އެވެ. މި ރިސޯޓަކީ 600 އެނދުގެ ރިސޯޓެކެވެ.
އެމްޓީޑީސީގެ އެމްޑީ ޝުޖާއު ވިދާޅުވީ ރިސޯޓުގެ މަސައްކަތް ހުއްޓުނީ އިގްތިސާދީ ގޮތުން ދުނިޔެއަށް ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުން ކަމަށާއި، ނަމަވެސް މިހާރު އެ ކުންފުނިން މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.
"ފުރަތަމަ ރިސޯޓު ހުޅުވާއިރު ރިސޯޓުގެ 600 އެނދު ކޮމިޝަން ނުކޮށްފާނެ. މި ރަށުގެ އޮޕަރޭޝަންގެ ސަބަބުން ކައިރީ ހުރި ކޮމިއުނިޓީތަކަށް ގޮތްތަކެއް ފަހި ވެގެންދާނެ،" ޝުޖާއު ވިދާޅުވި އެވެ.
އެމްޓީޑީސީން ވަނީ މިރަށުގެ އިތުރު އަމިއްލައަށް ރިސޯޓު ތަރައްގީ ކުރުމަށް ވެސް ނިންމާފަ އެވެ. އެ ކުންފުންޏަށް މިއަހަރުގެ ދެވަނަ ކްއާޓާގައި ވެސް ވަނީ، 2.2 މިލިއަން ޑޮލަރުގެ ރަނގަޅު ފައިދާއެއް ލިބިފަ އެވެ.