ހަބަރު

ބައެއް ޖޫރިމަނާތައް ކުޑަކޮށް އަބުރުގެ ބިލް ކޮމެޓީ އިން ފާސްކޮށްފި

  • އެމްޑީޕީގެ މެންބަރުން ބިލަށް ވޯޓެއް ނުދެއްވާ
  • މީޑިއާގެ ބައެއް ކަންބޮޑުވުންތަކަށް އެޑްރެސްކުރި
  • މާދަމާ ބިލް ފާސްކުރުން ވަނީ އެޖެންޑާކޮށްފައި

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ، "ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލް"ގައި ހިމަނާފައިވާ ބައެއް ޖޫރިމަނާތައް ކުޑަކޮށް އެ ބިލް ދިރާސާ ކުރާ ވަގުތީ ކޮމިޓީ އިން މިރޭ ފާސްކޮށްފި އެވެ. އެ ބިލް ފާސްވީ ކޮމިޓީގައި ތިއްބަވާ 11 މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެ ކޮމިޓީގައި އެމްޑީޕީގެ ދެ މެންބަރުން ތިއްބެވި ނަމަވެސް، އެ ބިލަށް ތާއީދު ނުކުރަން އެމްޑީޕީ އިން ވިޕްލައިނެއް ނެރެފައިވާތީ، އެ މެންބަރުން ވަނީ ބިލަށް ނޫނެކޭ ބުނެފަ އެވެ. އެ މެންބަރުން ބިލަށް ބައެއް އިސްލާހު ހުށަހެޅި ނަމަވެސް އެ އިސްލާހުތައް ގެންނަން ކޮމިޓީ އިން ފާހެއް ނުވި އެވެ.

ކޮމިޓީ އިން ބިލްފާސްކުރި އިރު ގެނައި މައިގަނޑު ބަދަލަކީ، ގައުމީ ސަލާމަތަށް ނުރައްކާވާ ހިޔާލާއި އަބުރާ ބެހެވޭ ފަދަ ހިޔާލުފާޅުކުރާ އާންމު ފަރާތްތަކަށް އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވާ ޖޫރިމަނާތައް ކުޑަކުރުމެވެ. ބިލް ފާސްކުރި އިރު، އެފަދަ ކުށެއް ކުރާ އާންމު ފަރާތްތައް ޖޫރިމަނާ ކުރެވޭ އަދަދު ވަނީ، 25،000 ރުފިޔާ އިން ދެ މިލިއަން ރުފިޔާއަށް އިސްލާހުކޮށްފަ އެވެ. މީގެ ކުރިން އެ ޖޫރިމަނާ އޮތީ 50،000 ރުފިޔާ އިން ފެށިގެން ދެ މިލިއަން ރުފިޔާ ދެމެދުގެ އަދަދަކުން އާންމުން ޖޫރިމަނާ ކުރެވޭ ގޮތަށެވެ.

ބިލަށް ގެނައި ބަދަލުތައް:

  • އިމްތިޔާޒެއްގެ ދަށުން ދައްކާ ވާހަކަތައް ރިޕޯޓް ކުރާއިރު، އެއީ ދިފާއެއްކަމުގައި ބެލެވޭނެ.
  • ފަރުދުންނަށް ރައްދުކޮށް ދައްކާ ވާހަކަ އެ ރައްދުވި ފަރާތުގެ ބަސް ނެތި ޝާއިއު ކުރެވޭނެ ގޮތްތަކެއް ކަނޑައެޅުން.
  • އަބުރުގެ ދިފާއެއްގެ ގޮތުން މަސްދަރު ހާމަކުރަން ޖެހޭ ނަމަ، އެކަން ސިއްރުން ހާމަކުރެވޭނެ ގޮތް ހެދުން.
  • ވަގުތުން ގެނެސްދޭ އިވެންޓެއްގައި އަބުރާ ބެހޭ ނަމަ ލައިވް ކަނޑާލަން ޖެހޭނެ. އެވާހަކައެއް ރައްދުވާ ފަރާތުން އެދޭނަމަ އެކަން ކުރަން ޖެހޭ.
  • ފިލްމް، ޑްރާމާ ލަވަ އަދި އެ ފަދަ އެހެން އުފެއްދުންތައް އުފައްދާ އިރު، ޑިސްކްލިމިއާއެއް ހިމެނާ ނަމަ ބިލްގެ ދަށުން އަދަބެއް ނުދެވޭނެ.
  • ވަކިވަކި ނޫސްވެރިން ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދު، 50،000ރ. - 150،000ރ. އާ ދެމެދު.

ނަމަވެސް އަބުރާ ބެހޭ ފަދަ ތަކެތި ޝާއިއު ކުރާ، މީޑިއާތަކާއި ނޫސްވެރިންނަށް ކަނޑައަޅާފައިވާ ޖޫރިމަނާތަކަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. މީޑިއާތައް ޖޫރިމަނާ ކުރަނީ، 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުތަކުންނެވެ. އަދި މި ގާނޫނާ ހިލާފުވާ ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭނީ، 50،000 ރުފިޔާއިން 150،000 ރުފިޔާ ދެމެދުގަ އެވެ. އެ މައްސަލައެއް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ކުރިން ޖޫރިމަނާގެ އަދަދު ދައްކަން ޖެހޭ ކަމަށް ވެސް ފާސްކުރި ބިލުގައިވެ އެވެ.

ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށްވާ، ސިޔާސީ މީހުން ދައްކާވާހަކަތައް ރައްދުވާ ފަރާތުގެ ބަހެއް ނެތި ޝާއިއު ނުކުރެވޭ ގޮތަށް އޮތް އޮތުން ކޮމިޓީ އިން ވަނީ ބިލް ފާސްކުރި އިރު އިސްލާހުކޮށްފަ އެވެ. އެގޮތުން، ބަސް ރައްދުވާ ފަރާތެއްގެ ބަސް ހޯދުމަށް އެކަށީގެންވާ މަސައްކަތް ކުރުމަށް ފަހު ވެސް އެފަދަ ފަރާތެއްގެ ބަސް ނުލިބުނު ނަމަވެސް ލިޔުން ޝާއިއު ކުރެވޭނެ އެވެ. ކޮމިޓީ އިން ބިލް ފާސްކުރި އިރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުގައި ރައްދުވާ ފަރާތުގެ ބަސް ލިބިއްޖެ ހާލަތެއްގައި، އިތުރު ފީއެއް ނޫނީ އަގެއް ނެގުމެއް ނެތި އެ ފެންވަރުގައި ހަބަރު ގެނެސްދޭން މީޑިއާތަކަށް މަޖުބޫރު ކުރެ އެވެ.

މި ބިލާ ބެހޭގޮތުން މީޑިއާ އިން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރެއިން، އިސްލާހެއް ގެނެސްފައި ނުވަނީ، މައްސަލަ ރައްދުވާ ފަރާތުން އޭނާ ފާޅުކުރި ހިޔާލަކީ ތެދެއްކަން ސާބިތުކޮށްދޭންޖެހޭ ގޮތަށް އޮންނަ އޮތުމާއި ޖުރިނަމާ ދެއްކުމަށްފަހު ނޫނީ މައްސަލަ ޝަރީއަތަށް ނުދެވޭގޮތަށް އޮންނަ އޮތުމެވެ.

މި ބިލަށް ދެން ގެނެސްފައި ހުރި އެހެން ބަދަލުތަކުގެ ތެރޭގައި، ބިލް ފާސްކޮށް ރައީސް ތަސްދީގު ކުރާ ހިސާބުން ފެށިގެން ބިލަށް އަމަލު ކުރަން ޖެހެ އެވެ. މާދަމާގެ ޖަލްސާއަށް މި ބިލްގެ މައްސަލަ އެޖެންޑާ ކުރާނެ އެވެ.