ދީން

މާތް ﷲ އިސްލާމް ދީން ހިމާޔަތް ކުރައްވާނެކަން ގައިމު

Feb 20, 2015
5

އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙުގައި ވަރަށް ފޯރިއާއެކު ދައްކާ ވާހަކައެކެވެ. ދީން ޙިމާޔަތްކުރާ ވާހަކައެވެ. އަޅުގަނޑު މިކަމާ ވަރަށް ވިސްނައިފީމެވެ. ދީން ޙިމާޔަތް ކުރަން ބައެއް މީހުން ޖަމާޢަތްތަކާއި ޕާޓީތައްވެސް ހަދައިފިއެވެ. ޖަލްސާވެސް ބާއްވައެވެ. ޓީވީއަށް އަރައި ވާހަކަވެސް ދައްކައެވެ. ދީން ޙިމާޔަތްކުރަންވެގެނެވެ. އަޅުގަނޑު ހިތަށް އަރަނީ، އެއްޗެއް 'ޙިމާޔަތް' ކުރަންޖެހޭނަމަ، އެއެއްޗަކީ ހާދަ ނިކަމެތި އެއްޗެއްތާ އެވެ. ދީން 'ޙިމާޔަތް' ކުރާނަމަ، ޙިމާޔަތް ކުރަންޖެހެނީ ކޮން ކަމަކުންބާއެވެ؟ ކާފަރުންގެ ކިބައިންބާއެވެ. ބައިވަރު ސުވާލެވެ.

އަޅުގަނޑު ބަލައިލާނީ، ދީނީ ގޮތުންނާއި ފިކުރީ ގޮތުން މިސުވާލަށް ޖަވާބެއް ދެވޭތޯއެވެ. ފުރަތަމަ ބަލައިލާނީ ޖައުހަރީ ސުވާލަށެވެ. އެއީ، ދީން "ޙިމާޔަތް" ކުރުން އެއީ، އަޅުގަނޑުމެން މުސްލިމުން ނުވަތަ އިންސާނުންގެ މައްޗަށް މަތިވެފައިވާ ނުވަތަ މަތިވެފައިވެދާނެ ޒާތުގެ ކަމެއްތޯ ނުވަތަ ނޫންތޯއެވެ.

ދީން ބާވާލެއްވީ މާތްﷲ އެވެ. އެކަމަކީ އެއްވެސް މީހަކު ސުވާލު އުފައްދާ ކަމެއް ނޫނެވެ. މާތްﷲ އަކީ ފެށުނީއްސުރެ ނިމެންދެން ފުރިހަމަ ކަލާނގެއެވެ. ދުނިޔެ އުފެއްދެވިއެވެ. އިންސާނުން އުފެއްދެވިއެވެ. ކަނޑުތަކާއި ފަޅުތަކާއި ބިން އުފެއްދެވިއެވެ. ކައުނު އުފެއްދެވިއެވެ. މިހުރިހާ އެއްޗެއް ހަމައެކަނި އުފެއްދެވީއެއް ނޫނެވެ. އެތަކެތި އުފެއްދެވީ އެފަދަ ދެވަނައެއްނުވާ ފުރިހަމަ ގޮތެއްގައެވެ. ފަލަކީ ނިޒާމު އުފެއްދެވިއެވެ. މިއިން އެއްވެސް ނިޒާމަކަށް އެއްވެސް މައްސަލައެއް ނުޖެހި ކުރައަށްދާ ގޮތަށެވެ.

ޔާސީން ސޫރަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ، "އިރު، އެއަށް ކަނޑައެޅި ޤަރާރުވަނިވި ތަނަކަށް ދާންދެން ހިނގަހިނގާ ހުރެތެވެ. އެއީ ޢިއްޒަތްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރު ކުރައްވާފައިވާ ގޮތެވެ. އަދި ހަނދަށް ތިމަން ރަސްކަލާނގެ މަންޒިލުތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖަމުއަށް ދާންދެނެވެ. (އެބަހީ، ހުޅެވި ހަނދަކަށް ބަދަލު ވެއްޖައުމަށް ދާންދެނެވެ.) ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމެއް ނޫނެވެ. އަދި ދުވާލަށް ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއް ފަލަކެއްގައި ހިނގަހިނގާ ހުރެއެވެ." މިއިން އެއްވެސް ކަމެއް ރައްކާތެރި ކުރުމުގެ އެއްވެސް ޒިންމާއެއް، އިންސާނުންނަކަށް މާތްﷲ މަތި ކުރައްވާފައެއް ނުވެއެވެ.

މިހާ ފުރިހަމަ ނިޒާމުތަކެއް އުފެއްދެވި ކަލާނގެ، އިންސާނުން އުޅެން ރުއްސަވާ ހަމައެކަނި ދީން ކަމުގައިވާ އިސްލާމް ދީނަކީ، މާތްﷲގެ ރައްކާތެރިކަން ނުލިބޭ، އެދީން ރައްކާތެރި ކުރުމުގެ ޒިންމާ އިންސާނުންގެ ބޮލުގައި އެޅިފައި އޮންނަންޖެހޭފަދަ އެއްޗަކަށް ވުމަކީ، ސިކުނޑީގެ މަގުން ބަލާއިރު ހަމަޖެހޭ ގޮތެއް ކަމަކަށް ނުފެނެއެވެ.

މިކަމުގެ މައްޗަށް އިތުރަށް ވިސްނާއިރު، ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ، "ހަމަކަށަވަރުން، ޤުރުއާން ބާވާލެއްވީ ތިމަން ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ، އެޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ." މިހެންނެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، މިއާޔަތުގައި ޤުރުއާނުގެ މާނައިގެ ތެރޭގައި އިސްލާމްދީންވެސް ހިމެނެއެވެ. މިއާޔަތަށް ބަލާއިރު، ދީން ރައްކާތެރި ކުރުމަކީ، އިންސާނުންގެ ކަމެއް ނޫންކަން ދޭހަވެއެވެ. އެކަން އޮތީ މާތްﷲ ހަމަޖައްސަވައިފައެވެ.

އަދި އަމުދުން، އަޅުގަނޑުމެން ދީން ރައްކާތެރި ކުރަން ބޭނުންވި ނަމަވެސް، ދީނަކީ އަޅުގަނޑުމެން އިންސާނުންނަށްވުރެ މާ ބޮޑު، މާ މަތިވެރި އެއްޗަކަށްވާއިރު، އެދީން ރައްކާތެރި ކުރުމަކީ އަޅުގަނޑުމެން އިންސާނުން ބޭނުންވި ނަމަވެސް ކުރެވިދާނެ ކަމެއްކަމާމެދުވެސް ސުވާލު އުފެދެއެވެ.

ދެން އޮތީ ތާރީޚެވެ. ތާރީޚީ ގޮތުން، ދީން ފުނޑާލުމަށް، ނުވަތަ ދީނުގެ ޝިޢާރުތައް ނައްތާލުމަށް ތާރީޚީގޮތުން ކުރެވުނު މަސައްކަތްތައްވެސް ހުއްޓުމަކަށް ގެންނެވީ މާތް ﷲ މެދުވެރިވެއެވެ. މިސާލަކަށް، ފީލު ބާގައިގެ މީހުން ގެފުޅު ތަޅާލުމަށް ކުރި ދަތުރު ހުއްޓުވައި، އެމީހުންނާ ދިމާއަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވި އެވެ. ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެމީހުންނާ ދިމާއަށް އުކިއެވެ. ޖަނަވާރު ކައިފައި ހުރި ހުއިތަކެއް ފަދައިން ފީލު ބާގައިގެ މީހުން ލެއްވިއެވެ. އެހެންވީމާ، ދީން ރައްކާތެރިކުރަންޖެހުނު ހިނދުގައިވެސް، އެދީން ރައްކާތެރި ކުރައްވާފައިވަނީ މާތްﷲ އެވެ. އިންސާނުންނެއް ނޫނެވެ. އެކަމަކު މިއީ އިސްލާމް ދީން ކުރިއަރުވަން އަޅުގަނޑުމެން ނޫޅުމެއް ނޫނެވެ. 

ވީމާ، ބުއްދީގެ ހަމަތަކާއި، ޤުރުއާނުގައި އެކަމަށް ކުރައްވާފައިވާ އިޝާރާތާއި، މާތްﷲ އުފެއްދެވި އެހެން ތަކެތި ރައްކާތެރިވެފައިވާ ގޮތަށް ބަލާއިރު، ދީނަކީވެސް ހަމަ އެތަކެތި ފަދައިން، އެހެން މީހެއްގެ ރައްކާތެރި ކަމަކަށް ބޭނުންވާނެ އެއްޗެއް ކަމަކަށް ނުބެލެވޭނެއެވެ. ބަލައިގެންވެސް ނުވާނެއެވެ. ދީން ބާވާލެއްވީ މާތްﷲއެވެ. އެދީން އެކަލާނގެ ޙިމާޔަތް ކުރައްވާނެއެވެ. އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް އޮތް ކަމަކީ، މާތްﷲ އަންގަވާފައިވާ ގޮތަށް ދީނުގައި ސާބިތުވެ ތިބުމެވެ. ނަމާދު ކުރުމެވެ. ޒަކާތް ދިނުމެވެ. ކީރިތި ރަސޫލާ (ޞ) ދެކެ ލޯބިވުމެވެ. ރަސޫލާ އެންގެވި ގޮތަށް ޢަމަލު ކުރުމެވެ. އޭރުން، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނެއެވެ.